30 Jul 2010, 14:49
19:00
ހދ. ނޮޅިވަރަމްފަރުގައި މިހާރު އަޅައިފައިވާ ގެތަކަށް މާވައިދު އާއި ކުނބުރުދޫ އާއި ފަރިދޫގައި ދިރިއުޅޭ މީހުން ވަރަށް އަވަހަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނު ނޮޅިވަރަންފަރަށް ވަޑައިގެން، މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޮޅިވަރަމްފަރުގައި ގެތައް އެޅުމުގެ މަސައްކަތް ވަރަށް ބޮޑު ހިސާބަކަށް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އަދި އިތުރަށް 51 ގެ އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންކަމާއެކު، މިހާރު ގެތައް ނިމެމުންދާއިރު، މީހުން ބަދަލުނުކޮށް ތިބުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ގެތައް ނިމެމުންދިޔަ ވަރަކުން ބަދަލުކުރެވެން ތިބި މީހުން ވީހާ ވެސް އަވަހަކަށް ބަދަލުކުރެވޭނެ ގޮތެއް ހޯދުން އެއީ މުޅި މަޝްރޫޢަށް ލިބޭނެ ދިރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ ތިން ރަށުގައި ދިރިއުޅެމުން ގެންދާ މީހުންނަށް ނޮޅިވަރަމްފަރުގައި މިހާރު ގެތައް އެޅިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އިތުރަށް އަޅަންޖެހޭ ގެތަކުގެ ބިންގާ އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އެޅޭވަރުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާވައިދު އާއި، ކުނބުރުދު އާއި، ފަރިދޫގައި ދިރިއުޅޭ މީހުން ނޮޅިވަރަމްފަރަށް ބަދަލުކުރާއިރު، ކަރަންޓްގެ މައްސަލަ ވެސް ޙައްލުކުރަންޖެހޭ ކަމަށާއި، ނަރުދަމާގެ މައްސަލަވެސް ޙައްލުކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ނަރުދަމާގެ މަސައްކަތް އަދި ފެށޭވަރުވާނީ ތިންމަސް ނުވަތަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވަމުން، މީހުން ބަދަލުނުކުރައްވައި މިހާ ގިނަ ދުވަހު މަޑުނުކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ވަގުތީ ނަރުދަމާއެއް ޤާއިމު ކުރެއްވުމަށް ވިސްނާވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނޮޅިވަރަމްފަރުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން ގެންދާ އެހެން މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ނޮޅިވަރަމްފަރު ސްކޫލްގައި އިތުރު ކްލާސްބަރިއެއް ހަދަން އެބަޖެހޭ ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ވާހަކަ ދައްކައިގެން އެކަން ކުރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އަޅުގަނޑުމެން އެދޭގޮތަށް ބައެއްފަހަރު ކަންތައްތައްނުވެ، ބޭނުންވާ ތާރީޚަށް އެކަމެއް ނުނިމިދާ ކަމަށާއި، އެހެން ނަމަވެސް، އެއްވެސް ކަމެއް ހުއްޓަވާނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކަންކަން ނުވާނެ ކަމަށް ބައްލަވައި، އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި މީހުން ބަދަލުކުރުމަށް އަޅާ ނިމިފައިވާ ގެތަކާއި، އަދި އަޅަމުން ގެންދާ ގެތައް ބައްލަވާލެއްވި އެވެ.
ކުޅުދުއްފުށްޓަށާއި، ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފަ އެވެ.