ޔަހޫދީންނާއި ނަޞާރާއިންގެ ފިކުރަކީ އެމީހުންނަކީ މާތް الله އިޚްތިޔާރު ކުރައްވައިފައިވާ ބައެއްކަމުގެ ފިކުރެވެ. އެހެން އިންސާނުންނަށްވުރެ، މާތްކަމުގެ ނަޒަރެވެ. މިބައިމީހުން ގެ މިތާކުންތާކު ނުޖެހޭ ޚިޔާލާއި ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ބަސްފުޅުގެ މާނާގައި ވަނީ މިފަދައިންނެވެ. "ޔަހޫދީންނާއި، ނަޞާރާއިން ބުނެފޫއެވެ. ތިމަންމެންނީ، الله ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ ޢަޛާބުދެއްވަނީ ކީއްވެގެންހެއްޔެވެ؟" އެމީހުންގެ މިބަސްތަކުގެ ޖަވާބު އާޔަތުގެ ފަހުބައިގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ."އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޢަޛާބު ދެއްވަތެވެ."

ހަމައެފަދައިން ޔަހޫދީންނާއި ނަޞާރާއިން ދެކޭގޮތުގައި، މޫސާގެފާނުގެ ޝަރީޢަތަށް ނުވަތަ ޢީސާގެފާނުގެ ޝަރީޢަތަށް ތަބަޢަވުމުން ނޫނީ އެއްވެސް މީހަކަށް ރައްކާތެރިކަމެއް، ސަލާމަތްތެރިކަމެއް ނެތެވެ. އަދި ހަމައެފަދައިން އިސްރާއީލަށް ނިސްބަތްވުމަކީ މީހާ މާތް الله ގެ ޢަޛާބުން ސަލާމަތްވާ ކަމެކެވެ. އެހެންކަމުން އެމީހުން ބުނެފައިވަނީ މިވަފައިންނެވެ." އެއުރެން ބުނޫއެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ."
މިތަނުގައި ޔަހޫދީން ބުނަން މިއުޅެނީ "އިސްރާއީލަށް" ނިސްބަތްވުމަކީ ނުވަތަ މީހާ ޔަހޫދީއަކަސް އަދި ނަޞާރާ އަކަށް ވުމަކީ ބާއްޖަވެރިކަމާއި ސުވަރުގޭގެ ތަޅުދަނޑި ލިބިގެންދާނެ ސަބަބެކެވެ. މިކަމަށް ކީރިތިޤުރްއާނުގައި ވަނީ ރައްދު ދެއްވާފައެވެ. މީހާ ވަކި ބަޔަކަށް ނުވަތަ ވަކި ރަށަކަށް ނިސްބަތްވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއް ނޫނެވެ. ނުވަތަ ބާއްޖަވެރި ކަމުގެ ތަޅުދަނޑި ލިބެން ޖެހޭނެ ސަބަބެއް ނޫނެވެ. ސުވަރުގެ ލިބޭނީ ތެދުވެރިކަމާއިއެކު ، އީމާންވެ ހެޔޮޢަމަލުތައް ކޮށްގެންނެވެ. މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ. "އެއީ، އެއުރެންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) ދަލީލު ގެންނާށެވެ!" އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. މާނައަކީ:" އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ ޙާލު، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) الله އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ." (ސޫރަތުލް ބަޤަރާ: 112) މި އާޔަތުގައި އެކުލެވޭ ޢިބާރާތްތަކުގެ މާނަތަކުގެ ދާއިރާގައި ހިމެނެނީ ޚާލިޞް އީމާން ކަމެވެ. ހެޔޮހިތުން މާތް الله އަށް ތަސްލީމު ކުރުމެވެ. އަޅާ އޭނާ އީމާންވާ ޝަރިޢަތާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލު ކުރުމެވެ.

މި އާޔަތުން އެނގިގެންދަނީ، ޤިޔާމަތް ދުވަހުގައި ރައްކާތެރިކަން ލިބުންވަނީ އީމާންވެ ހެޔޮޢަމަލު ކުރުމުންނެވެ. އެއްވެސް ޙާލެއްގައި ޔަހޫދީނަށް ނުވަތަ ނަޞާރާއިންނަށް ނިސްބަތްވުމަކުން ނޫނެވެ. އަދި ހަމައެފަދައިން ނަބަވީ ގެކޮޅަށް ނިސްބަތްވުމަކުން ނޫނެވެ. މައްސަލައަކީ ނިސްބަތް ވުމުގެ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އީމާންކަމާއި، ތެދުވެރިކަމާއެކު ޞާލިޙު ޢަމަލުތައް ކުރުމުގެ މައްސަލައެވެ.

އަދިވެސް ޔަހޫދީންނާއި ނަޞާއިންގެ ބުނުންތަކުގެ ތެރޭގައި ޙަޤީޤީ ހިދާޔަތު ލިބުންވަނީ އެމީހުންނަށް ތަބަޢަވެގެން ކަމުގައި ބުނާބުނުން ހިމެނެއެވެ. އެމީހުންގެ ވާހަކަ ބަޔާން ކުރައްވަނުން ކީރިތިޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ."އެއުރެން (އެބަހީ: ޔަހޫދީންނާއި ނަޞާރާއިން) ބުނެފޫއެވެ. ތިޔަބައިމީހުން ޔަހޫދީން ކަމުގައި ނުވަތަ ނަޞާރާއިން ކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ."

އެމީހުންގެ މިހުވަފެނީ ބިލާހަށް ރައްދުދެއްވަމުން ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. " ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކީއްހެއްޔެވެ؟ (ތިމަންމެން ތަބަޢަވާނީ) ބާޠިލުގެ މަގުން އެއްކިބާވެ ޙައްޤުގެ މަގަށް ތަބަޢަވެގެންވާ އިބްރާހީމުގެފާނުގެ ދީނަށެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ." (ސޫރަތުލް ބަޤަރާ: 135)

ޙަޤީޤީ ހިދާޔަތު އިންސާނާއަށް ލިބެނީ އިބްރާހީމްގެފާނުގެ މިއްލަތަށް ތަބަޢަވުމުންނެވެ. އަދި އެއްވެސް ކުނިބުނިކަމެއް އޮޅުމެއް ނެތްގޮތުގައި ތިމާގެ ތަޥްޙީދު މާތް الله އަށް ޚާލިޞް ކުރުމުންނެވެ.