ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އެޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުންނަށް، މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި، ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

އެ އިއުލާނުގައި އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީއާއި ގުޅޭ މުހިއްމު ތާރީޙުތަކެއް އިއުލާނުކޮށްފައެވެ. މިގޮތުން:

  • 18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން

  • 24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ސުންގަޑި
  • 03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
  • 28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

އެޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ފާޅުކުރައްވާފައެވެ. އަދި، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.

ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނުރަސްމީކޮށް މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނަކީ ޕާޓީ އުފެދުނު ފަހުން ބޭއްވި ހުރިހާ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަކު، ވާދަކުރައްވާނެކަން މިހާތަނަށް އެމަނިކުފާނު ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާއި ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.

އެހެންވެ، އެޕާޓީގައި ދެ ފެކްޝަން އުފެދި، އެއް ފެކްޝަން އަނެއް ފެކްޝަނަށް ގެންދަނީ އަރާރުންވަމުންނެވެ.