18 Dec 2022, 10:00
އެ ހަނދާންތަކުން ރީމާގެ ދެލޯ ފެންކަޅިވިއެވެ. އޭނާ ދެލޯ ފުހެލުމަށްފަހު، ތުންފަތުގައި ދަތް އަޅައިލިއެވެ.
ގަބޫލުކުރަން ބޭނުން ނުވިޔަސް މިއަދު އޭނާއަށް ނާޒިލް ގެއްލިއްޖެއެވެ. ނާޒިލްގެ ހިތުގައި މިއަދު އޭނާއާ މެދު އިޙްސާސްއެއް ނެތެވެ. ކުޑަވެސް މިންވަރަކަށް އެ ހިތުގައި އިޙްސާސްއެއް ވާނަމަ އޭނާގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭކަށް ނާޒިލްއަކަށް ނުކެރޭނެއެވެ. ރީމާ އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފުހެލިއެވެ. މިޝްޔާއަކީ ނާޒިލްގެ ލޯބިވެރިޔާއެވެ. އެހާ ގިނައިން މިޝްޔާ ނާޒިލްއާ އެކު ފެންނަނީ އެހެންވީމަތާއެވެ. އަނެއްކާ މިޝްޔާއަކީވެސް މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހެއްބާއެވެ. ތަފާތު ސުވާލުތަކުން އޭނާގެ ހިތަށް އުނދަގޫވަމުން ދިޔަނަމަވެސް، އެ ސުވާލު އަހާނީ ކާކު ކައިރީގައިކަމެއް އޭނާއަކަށް ނޭނގުނެވެ. ނާޒިލް މީހަކާ ނީންނަ ކަމަށް ބުނި އެކުވެރިޔާވެސް ބުނީ ނާޒިލްގެ ލޯބިވެރިއަކު ހުންނަކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް ނޭނގޭ ކަމުގައެވެ.
ރީމާ އެތަނުން ދާން ތެދުވީ އިރުގަނޑެެއް ވަންދެން ވިސްނަން އިނދެފައެވެ. އޭނާ ދިޔައީ ހޮސްޕިޓަލުގައި ބާއްވާފައި އޮތް އޭނާގެ އާއިލާގެ މީހެއްގެ ކައިރިއަށެވެ.
***
ސެޝަން ނިންމައިލުމަށްފަހު, ނާޒިލް މިޝްޔާއަށް ބަލައިލުމަށްފަހު، ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މިޝްޔާގެ ކުރިއެރުމާމެދު އޭނާ ހުރީ ހިތްހަމަޖެހިފައެވެ. އެހިސާބަށް މިޝްޔާއަށް އެ އާދެވުނީ އަމިއްލަ ހިތްވަރުން ކަމުގައި ނާޒިލް ބުނުމުން މިޝްޔާއަށް ވެސް އުފާވެރި އިޙްސާސްއެއް ކުރުވިއެވެ. މަސްތުވާތަކެތި ހުއްޓާލުމުން އޭނާއަށް އަދިވެސް އުނދަގޫތައް ކުރިމަތިވެއެވެ. އެހެންނަމަވެސް، މިހާރު މިޝްޔާގެ އަޒުމެއް ވެއެވެ. އޭނާ ދެން ދުވަހަކުވެސް މަސްތުވާތަކެއްޗެއް ބޭނުމެއް ނުކުރާނެއެވެ.
ދާންވެގެން މިޝްޔާ ތެދުވިއެވެ. ނާޒިލްއަށް ބަލަހައްޓައިގެން ހުރެގެން އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިތަނާ، ސޯފާގައި ފައި އަޅައިގަތްފައި ނުވެއްޓުނީ ކިރިޔާއެވެ. މިޝްޔާ ހިފެއްޓުމަށް ނާޒިލް ކުރިއަށް ޖެހިލި ނަމަވެސް، އޭގެ ކުރިން މިޝްޔާ އޭނާގެ ހަށިގަނޑު ބެލެންސް ކޮށްލިއެވެ. އެހެންނަމަވެސް ފައިޖެހުނުލެއް ބާރުކަމުން އޭނާގެ އަނގައިން މަޑުމަޑު އާހެއް ބޭރުވިއެވެ.
"އާރ ޔޫ އޯކޭ؟" ނާޒިލް ހާސްކަމާއެކު ސުވާލުކޮށްލިއެވެ.
"ޔާ. އައި އެމް ފައިން..." އެހެން ބުނެލާފައި ކުރިއަށް ފިޔަވަޅެއް އަޅައިލަން އުޅުނު ވަގުތު އަނެއްކާވެސް ފަޔަށް އެރި ތަދާއެކު، މިޝްޔާއަށް މަޑުޖެހިލެވުނެވެ.
"އިށީނދެލަބަލަ އެހަށް ސޯފާގައި ކުޑަކޮށް ރަނގަޅު ވެލަންދެން. އަދި ދޮންބެ ބަލައެއްވެސް ނާދެއެއްނު." ނާޒިލް ބުނެލިއެވެ. މިޝްޔާ ސޯފާގައި އިށީނުމަށްފަހު، ފައިގެ ތަނބިކަށީގައި އަތް ޖައްސައިލިއެެވެ.
"ބިންދައިގެންތަ މިދިޔައީ؟ ހާދަ ތަދުވެޔޭ އެބަ..." މިޝްޔާ އެހެން ބުނެލި ގޮތުން ނާޒިލްގެ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވި ނަމަވެސް، އޭނާ އަވަސް އަވަހަށް ހުނުން މަތަކޮށްލިއެވެ. މިޝްޔާ ނާޒިލްއަށް ބަލައިލުމުން ނާޒިލް ބޯ ކަހައިލުމަށްފަހު، ވަރަށް ނުބުނަން ހުރެފައި މިޝްޔާގެ ހުއްދައަކަށް އެދުނީ އޭނާ މިޝްޔާގެ ފައި ބަލައިލުމަށެވެ. ކުޑަ ހިނދުކޮޅަކު ވިސްނަން އިނދެފައި މިޝްޔާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެއާއެކު ނާޒިލް މަޑުމަޑުން އައިސް އެއްފައި ޓައިލްސްތަކު މަތީގައި ޖައްސާލައިގެން މިޝްޔާގެ ކުރިމައްޗަށް ވާގޮތަށް އިށީނދެލިއެވެ.
"މޭ އައި." މިޝްޔާގެ ފައިގައި އަތް ޖައްސައިލުމުގެ ކުރިން ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. މިފަހަރުވެސް މިޝްޔާ ބޯ ޖަހައިލިއެވެ. ނާޒިލް އޭނާގެ އަތުން މިޝްޔާގެ ފައިގައި ބީހިލުމާއެކު، މިޝްޔާގެ މުޅި ހަށިގަނޑަށް ވެސް އަސަރުކުރިއެވެ. އޭނާގެ މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ދައުރުކޮށްލުމާއެކު، ބުނެދޭން ނޭނގޭ ފިނިކަމެއް މުޅި ހަށިގަނޑުގައި ދައުރުކޮށްލިއެވެ. މީހާގެ ނޭވާ އަވަސްވެ، ހިތުގެ ތެޅުން އިންތިހާ އަވަސްވިއެވެ. މިޝްޔާއަަށް އޭނާގެ ނޭވާ ވެސް ހިފައްޓައިލެވުނީ ބޭއިޚްތިޔާރުގައެވެ.
"އާހް" ނާޒިލް މިޝްޔާގެ ފައިގެ ކަށިގަނޑާ ދިމާލަށް ކުޑަކޮށް ފިތައިލުމާއެކު، މިޝްޔާއަށް އަނގަޔަށް ގޮތެއް ހަދައިލެވުނީ ތަދުވީތީއެވެ.
"މިތަނަށް ތަދުވޭތަ؟" ނާޒިލް ސުވާލުކުރަމުން މިޝްޔާގެ ފަޔަށް ފަރުވާތެރިކަމާއެކު، ބަލަމުން ދިޔައެވެ.
"ބޭހެއް ލިޔެލަދޭނަން އިނގޭ... ކަށީގެ ޑޮކްޓަރަކަށް ނުވިޔަސް އޯކޭތާ..." ނާޒިލް ލާނެއް ރާގެއްގައި ބުނެލިއެވެ.
"އަނެއްކާ ރަނގަޅު ބޭސް ދޭން އެނގޭނެތަ؟ އަހަރެން ހީކުރީ ހަމައެކަނި އަހަރެމެން ކަހަލަ މީހުންނަށް ބޭސް ކުރަން ކަމަށް އެނގޭނީ..." މިޝްޔާ ބުނެލިއެވެ.
"އުހުމް. ފަސް އަހަރު ޑޮކްޓަރުކަން ކިޔަވާފަ. އެއް އަހަރު އިންޓާންޝިޕް ހެދީމޭ. އޭރު ހުރިހާ ޑިޕާރޓްމެންޓްތަކަށް ވެސް ދިޔައިން. އޭގެ ފަހުންނޭ އަހަރެން އަދި ސައިކޭޓްރިސްޓަކަށް ވީ... ކިހިނެއްވީ އަހަރެން ސައިކޭޓްރިސްޓަކަށް ވީމަ ކަމުނުދަނީތަ؟ ކަށީގެ ޑޮކްޓަރަކަށްތަ ވާންވީ..." ތެދުވަމުން ނާޒިލް ބުނެލިއެވެ. ނާޒިލްގެ ވާހަކަތަކުން މިޝްޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ދެމެދުގައި އެހާ ގާތްކޮށް ވާހަކަ ދެކެވުނީ އަލަށެވެ. ދެމީހުންނަށްވެސް އެކަމުން ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިޙްސާސްވަމުން ދިޔައެވެ. ދެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދު ފަދައެވެ. ދެ ހިތް ވެސް ގޮވަމުން ދިޔައީ އެއްކަމަކަށެވެ. އެދެމުން ދިޔައީ އެކަކު އަނެކަކުގެ ލޯތްބަށެވެ. އެކަކު އަނެކަކުގެ ހިމާޔަތަށެވެ. އެހެންނަމަވެސް ހިތާމައަކީ ދެމީހުންވެސް ހިތުގެ ޙާލު ސިއްރުކުރުމެވެ. އެކަކު އަނެކަކުގެ ކުރިމަތީގައި އެހިތް ހުޅުވައިލަން ފަސްޖެހެވެނީއެވެ.
ނާޒިލް ބޭސް ސިޓީ ލިޔެލަދީފައި މާކިންއަށް ގުޅައިލިއެވެ. އޭނާ ކުރުގޮތަކަށް މިޝްޔާއަށް ވީ ގޮތްވެސް ބުނެލިއެވެ. މާކިން ބުނީ އޭނާ އެބަ އަންނަން ކަމުގައެވެ.
"އެބަ އާދޭ..." ނާޒިލް އެހެން ބުނެލުމުން، މިޝްޔާ ހިނިތުންވެލިއެވެ.
އެ ދެމީހުން ސޯފާގައި ތިބޭތާ ވިއްސަކަށް މިނެޓް ވީ ފަހުން މާކިންއައިސް އެތެރެއަށް ވަނެވެ.
"އަނެއްކާ ވަރަށް ބޮޑަށްތަ ފަޔަށް ތަދުކޮށްލައިގެން ތިއުޅެނީ...؟" މާކިން ސުވާލުކޮށްލިއެވެ.
"ނޫނޭ. އެހާ ބޮޑަކަށް ނޫން. ހިނގާފަ ދެވޭނެ..." މިޝްޔާ ބުނެލިއެވެ. މިޝްޔާ ތެދުވަން މާކިން އެހީތެރިވެދިނެވެ.
"ކުޑަކޮށް ދުޅަވެދާނެ އިނގޭ... އައިސްޕެކް އަޅާފަ ހާކަން ދީފަ އިން ބޭސް ހާކާނީ. ދެން އިންނާނެ ކާން ވެސް ބޭހެއް ދީފަ. ޕެއިން ކިލާރ އެއް." ނާޒިލް މާކިންއަށް އޮޅުން ފިލުވައިދިނެވެ. މާކިން ޝުކުރު އަދާކޮށްފައި މިޝްޔާއާއެކު ދާން ހިނގައިގަތެވެ. އެ ކޮޓަރިން ނުކުުތުމުގެ ކުރިން، މިޝްޔާ އަދިވެސް އެއްފަހަރު، ނާޒިލްއަށް ބަލައިލިއެވެ. މިޝްޔާމެން ދިޔުމުން ނާޒިލް އައިސް އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. މިޝްޔާއާ އޭނާއާ ދެެމެދު މިރޭ ފަސްޖެހުމެއްނެތި ވާހަކަ ދެކެވިއްޖެއެވެ. އެކަމުން އޭނާއަށް އުފާވެރިކަން ލިބުނު ނަމަވެސް، ބިރުގަންނަނީ ނޭނގި ހުއްޓާ އެ އުފާ އޭނާގެ އަތުން ބީވެގެން ހިނގައިދާނެތީއެވެ. މާކިންއަށް ހަޤީގަތް ކިޔައިދޭންވީބާއޭ ނާޒިލްގެ ހިތަށް އެތަކެއް ފަހަރަކު އެރިއެވެ. އެހެންނަމަވެސް ފަސްޖެހެވެނީއެވެ. އެފަދަ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. އޭނާ ނުބުނެ ހުއްޓާ އެ ހަޤީގަތް އެހެން މީހެއްގެ ފަރާތުން އެގިއްޖެނަމަ ވެސް މާކިން ހިތްހަމައެއް ނުޖެހޭނެއެވެ. ވަކިން ހާއްސަކޮށް ހާޝިމް އެ ހަޤީގަތް ހާމަކޮށްފާނެތީ އޭނާ ޖެހިލުންވަނީއެވެ. އޭރުން އޭނާ ވާނީ ދޮގުވެރިއަކަށެވެ. މަކަރުވެރިއަކަށެވެ. އެނގިހުރެ މާކިންމެންނަށް ކަންތައްތައް އޮޅުވައިލި މީހަކަށެވެ. އެހެން އެކަންތައް ވާން ބޭނުން ނޫންނަމަވެސް، މާކިންއާ ކުރިމަތިލާ އެ ހަޤީގަތް އޭނާ ހާމަކުރާނީ ކިހިނެއްކަމެއް ނާޒިލްއަކަށް ނޭނގެއެވެ. ފުންނޭވާއެއް ދޫކޮށްލި ނާޒިލްއަށް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ.
***
ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް ހާފިޒު ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ. އެ ބޮޑު ގޭތެރެއިން އެކަކުގެވެސް ހިލަމެއް ނުވެއެވެ. އެހެންނޫނީ އޭނާ އަންނަންދެން ބޮޑުކޮޓަރީގައި އޭނާގެ އިންތިޒާރުގައި ޓީވީ ދޮށުގައި އިންނަން އޭނާގެ އަންހެނުން ހައިފާވެސް މިރޭ ފެންނާކަށް ނެތެވެ. އަނެއްކާ ހައިފާ ބަލީ ހެއްޔެވެ؟ ކުޑަކޮށް ހައިރާންވެ، އެފަދަ ވިސްނުން ތަކެއްގައި ހުރެ ހާފިޒު ގޮސް އެ މީހުންގެ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަތްއިރު ހައިފާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ހައިފާ އިސްޖަހާލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޅަބޮއްޓާ ހިސާބަށް ހެދުމުގެ އަތްކުރި އޮޅާލާފައިވާ އޭނާގެ އަތުގައި އިން ބޮޑު ލަކުނަށެވެ. ދޮރުފަތް ހުޅުވައިލި އަޑަށް ހައިފާ އިސް އުފުލައިލާ ބަލައިލިއިރު ހައިފާގެ މޫނުމަތިން ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އޭނާގެ މޫނުމަތިން ބިރުގަތްފައިހުރި ކަމުގެ އަސަރުތައް ފެންނަމުން ދިޔައިރު، އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. ހައިފާ އިންގޮތުން ކަމެއް ގޯސްވެއްޖެކަން ހާފިޒުއަށް އެނގުނެވެ. އޭނާ އަވަސް އަވަހަށް އެ ދިމާލަށް ގޮސް އަތުގައި އޮތް ދަބަސް އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު، ހައިފާގެ ކުރިމަތީގައި ކަކޫ ޖަހާލައިގެން އިށީނދެލިއެވެ. އޭނާގެ ނަޒަރު ހައިފާގެ އަތުގައި އިން ލަކުނަށް ހުއްޓުމާއެކު އޭނާ އެ ލަކުނުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ހައިފާގެ ހެދުމުގެ އަތްކުރި ތިރިކޮށްލުމަށްފަހު، އޭނާއަށް ބަލައިލުމަށް ހާފިޒު އެދުނެވެ.
"ކިހިނެއްވީތަ ހައިފާ؟ ކީއްވެ ތިގޮތަށް ތިއިނީ؟" ހާފިޒު ކަންބޮޑުވެފައި ސުވާލުކޮށްލިއިރު، އެ އަޑުގައިވަނީ އިންތިހާ ލޯތްބެވެ. އަނބިމީހާ އާ މެދު ކަންބޮޑުވެ ހާސްވެފައިވާވަރު އޭނާގެ މޫނުމަތީގައިވީ ކުލަވަރުތަކުން އެކަނިވެސް ހާމަވަމުން ދިޔައެވެ.
"ހުއްޓާލާފަ އަހަރެން ކައިރީގައި ވީ ގޮތެއް ބުނެބަލަ! ތިގޮތަށް އަތަށް ބަލަހައްޓައިގެން ތި އިނީ ކީއްވެތަ؟" ހާފިޒު އޭނާ ހިފައްޓާލާފައިވާ ހައިފާގެ އަތް ތިލައަށް ބާރުކޮށްލިއެވެ.
"އަހަރެން ވަރަށް ބިރުގަނޭ... ނޭނގެ ކީއްވެގެން ކަމެއް. ނާޒިލް އެ ވާހަކަ ބުނީއްސުރެ ހަމަ ހިތް ބިރުގަންނަނީ. އަހަރެން ހީކުރީ ހާފިޒުއާ އެވާހަކަަތައް ހިސާނުކުރިޔަސް އަހަންނަށް އެހުރިހާ ކަމަކާ ކުރިމަތިލެވޭނެކަމަށް. އެކަމަކު... އެހެންނެއް ނުވާނެ..." ހައިފާގެ ދެލޮލުން ފޭބި ކަރުނަތައް ހާފިޒު އޭނާގެ އަތުން ފުހެލަދިނެވެ.
"ނާޒިލް ކީކޭ ބުނީ؟ ހައިފާ ކީކޭ ތިކިޔަނީ... އަހަންނަށް އެނގޭ ގޮތަށް ބުނެބަލަ!" ހާފިޒު އެދުނެވެ.
"ކީއްވެ ތިގޮތަށް އަތަށް ބަލަހައްޓައިގެން އިނީ؟ އަނެއްކާ... މާޒީއާ..." ހައިފާގެ ވާހަކަތައް ހުރި ގޮތުންނާ އަމަލުތައް ހުރި ގޮތުން ހާފިޒު ސުވާލުކޮށްލީ އޭނާއަށް ހީވާ ހީވުމުގެ މައްޗަށް ބުރަވެ ހުރެއެވެ. ހައިފާ ބޯ ޖަހައިލިއެވެ.
"ހައިފާ... ޕްލީޒް. އަހަންނަށް ހުރިހާ ވާހަކަ އެއް ކިޔައިދީ..." ހާފިޒު ބުނެލިއެވެ.
"އަހަންނަށް ހަމަޖެހުމެއް ނުލިބޭ ނާޒިލްއާ އޭނާ ދިމާވިއޭ ބުނިފަހުން..." ހައިފާ ބުނެލިއެވެ.
"ހާޝިމްއާ؟" ހާފިޒު ސުވާލުކޮށްލުމާއެކު ހައިފާ ބޯ ޖަހައިލިއެވެ.
(ނުނިމޭ)