18 Dec 2022, 21:19
މެޓާގެ ވާޗުއަލް ރިއާލިޓީ މަސައްކަތުގައި ކޮންސަލްޓިން ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ)ގެ މަގާމުގައި ހުރި ޖޯން ކާމެކް އެ މަސައްކަތާ ބެހޭ ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް، ކުންފުނި ދޫކޮށްލަން ނިންމައިފިކަން އިއުލާންކޮށްފިއެވެ.
ނަން ހާމަ ނުކުރާ މީހަކާ ހަވާލާދީ އެމެރިކާގެ އިންސައިޑާ ނޫހުން ރިޕޯޓުކުރި ގޮތުގައި ކާމެކްގެ އިސްތިއުފާއާ ބެހޭ ގޮތުން އޭނާ ކުންފުނީގެ މުވައްޒަފުންނާ ހިއްސާކުރި ލިޔުމެއް ވަނީ ލީކުވެފައެވެ. އޭގެ ފަހުން އޭނާ ވަނީ އެ ވާހަކަ ފޭސްބުކުގައި ހިއްސާކޮށް، އޭނާ މެޓާ ދޫކުރާ މައިގަނޑު ސަބަބަކީ ވާޗުއަލް ރިއާލިޓީ މަސައްކަތުގެ ފެންވަރާ މެދު ހިތްހަމަނުޖެހުން ކަމަށް ބުނެފައެވެ.
މެޓާގެ މެޓާވާސް ތަރައްގީ ކުރުމަށް އެންމެ މުހިންމު ބައިތައް ކަމަށް ވާޗުއަލް ރިއާލިޓީ (ވީއާރު) އާއި އޯގްމެންޓެޑް ރިއާލިޓީ (އޭއާރު)ގެ މަސައްކަތަށް ކާމެކް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ވަނީ ވީއާރުގައި އޭނާ ހޭދަކުރި ދިހަ އަހަރު ނިމުނުކަން ހާމަކޮށްފައެވެ.
ކާމެކް ބުނީ މެޓާގެ ނިންމުންތަކާ ބެހޭ ގޮތުން އޭނާގެ ޝަކުވާތައް ގިނަ ކަމަށެވެ. އަދި އެ ކުންފުންޏަށް އޭނާ ހުށަހެޅި މައްސަލަތަކުގެ ބޮޑު ބައެއް ކުންފުނީގެ ވެރިޔާ މާކް ޒަކަބާގްގެ ސަމާލުކަމަށް އައީ އަހަރެއް ނުވަތަ ދެ އަހަރު ވަރު ފަހުން ކަމަށާއި އެކަމާ ބެހޭ ގޮތުން ޒަކަބާގް އެއްވެސް އެއްޗެކޭ ނުބުނާ ކަމަށެވެ.
ޓްވިޓާ މެދުވެރިކޮށް ކާމެކް ވަނީ މެޓާގައި ކަންކަން ހިންގާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިދިޔަ އޮގަސްޓް މަހު އޭނާ ބައިވެރިވި ޕޮޑްކާސްޓެއްގައި ވަނީ، މެޓާގެ އޭއާރް އަދި ވީއާރް ޑިވިޝަނަށް ލިބުނު 10 ބިލިއަން ޑޮލަރުގެ ގެއްލުމާ މެދު ވިސްނާލުމުން ވަރަށް ހިތްދަތި އިހުސާސެއް ކުރެވޭ ކަމަށެވެ.
މެޓާއާ މެދު ހިތްހަމަނުޖެހުން ހުރި ނަމަވެސް ކާމެކް އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވަނީ މެޓާއަށް ވުރެ މޮޅު ވީއާރު ހެޑްސެޓެއް އުފެއްދުމުގެ ގާބިލުކަން އަދި މިހާތަނަށް އެއްވެސް ކުންފުންޏަކަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ކުންފުނިން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ނަމަވެސް މެޓާވާސްގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ޑޫމް އެންޑް ކުއޭކް ފްރެންޗައިޒްތައް ކޯ-ކްރިއޭޓް ކުރި އައިޑީ ސޮފްޓްވެއާ އިން ވަކިވުމަށް ފަހު ކާމެކް މެޓާގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށްވީ 2013 ވަނަ އަހަރެވެ.
އޭނާ މެޓާއާ ގުޅުނީ 2014 ވަނަ އަހަރު ފޭސްބުކުން ދެ ބިލިއަން ޑޮލަރަށް އޮކިއުލަސް ގަތުމުންނެވެ. ދެހާސް ނަވާރަ ވަނަ އަހަރު އޭނާ އޮކިއުލަސްއާ ދުރަށްޖެހި، އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި)އަށް އިސްކަންދޭ ގޮތަށް ކޮންސަލްޓިން ސީޓީއޯއަކަށް ބަދަލުވިއެވެ.