18 Dec 2022, 09:33
ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ, އދ. ގެ ރެފިއުޖީންގެ ކަންތައްތަކުގައި ވަކާލާތުކުރާ އިދާރާގެ އެމްބެސެޑަރުކަމުން އިސްތިއުފާދީފިއެވެ.
ޖޮލީގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ، ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު)ގެ އެމްބެސެޑަރުކަމުގެ މަގާމުން 20 އަހަރަށްފަހު އިސްތިއުފާދިނީ އެހެނިހެން ޖަމިއްޔާތަކާއި ގުޅިގެން, މިހާރަށްވުރެ ގާތުން ރެފިއުޖީންނާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކަމަށެވެ.
އަދި އދ. އިން ކުރަމުން އަންނަ އިންސާނީ އެހީގެ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށް ގަބޫލުކުރާކަމަށާއި, ރެފިއުޖީންނަކީ އޭނާއަށް ވަރަށް މުހިންމު ބައެއް ކަމަށް ވެސް ޖޮލީގެ ޕޯސްޓުގައި އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ ހަޔާތުގެ މަސައްކަތަކީ ރެފިއުޖީންނަށް ހިދުމަތްކުރުމުގައި ދެމިހުރުންކަމަށްވެސް އިތުރަށް ބުނެފައިވެއެވެ.
އޭނާގެ މި ނިންމުމާއި ގުޅިގެން ޔޫއެންއެޗްސީއާރުން ބުނެފައިވަނީ 2001 ވަނަ އަހަރު އެ ޖަމިއްޔާއާއި ގުޅުނު ޖޮލީއަކީ, މިހާތަނަށް އެ ޖަމްޢިއްޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް އެމްބެސެޑަރު ކަމަށެވެ. އަދި އޭނާގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެކަން ޔަގީންކުރާކަމަށް ވެސް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ނުކުތް ގާލް, އިންޓަރަޕްޓެޑް ފިލްމުން އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސްގެ އޮސްކާ ހާސިލްކުރި ޖޯލީ ވަނީ ޔޫކްރޭނާއި ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގައި ރެފިއުޖީންނަށް ވީ މީހުންނާ ބައްދަލުކޮށް, އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންސާނިއްޔަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް 2014 ވަނަ އަހަރު ވަނީ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ ފަރާތުން ޜޯން ހާޝޮލްޓް ހިއުމެނިޓޭރިއަން އެވޯޑު ޖޯލީއާ ހަވާލުކޮށްފައެވެ.