ހަށިގަނޑުގެ މަސްތަކާއި އެހެނިހެން ގުނަވަންތަކުގެ މަސައްކަތަކަށް ކަށީގެ ނިޒާމަކީ ކޮންމެހެންވެސް މުހިންމު ނިޒާމެކެވެ. އެހެންނަމަވެސް އުމުރުން ދުވަސްވާވަރަކަށް ކަށީގެ އެކިއެކި މައްސަލަތައް ދިމާވާ ނިސްބަތް އިތުރުވެއެވެ.

ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ރައްކާތެރިކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ކެލްސިއަމް ރައްކާކުރަނީވެސް ކަށީގެ ނިޒާމުގައެވެ.

ޒުވާން އުމުރުގައި ކަށީގެ މައްސަލަތައް ދިމާނުވިކަމުގައި ވިޔަސް, އުމުރުން ދުވަސްވާވަރަކަށް ކަށީގެ ސިއްހަތަށް ފަރުވާތެރިވާން ޖެހޭކަމަށް ށިއްހީ މާހިރުން ލަފާދެއްވައެވެ. މިގޮތުން, އުމުރުން 30 އަހަރަށްވުރެ ދޮށީ އަންހެނުންނަށް ކަށީގެ އެކި އެކި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކެއުމަށް ގެންނަ ކުދިކުދި ބަދަލުތައް ހިމެނެއެވެ. މިގޮތުން ކިރުގެ ބާވަތްތައް ބޭނުންކުރުމުގައި ފުދޭ މިންވަރެއް ގެންގުޅުމާއި, ކެއުމުގެ ތެރެއަށް އާމަންޑްސް އަދި ފެހިކުލައިގެ ތަރުކާރީ އިތުރުކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ޑައިޓީޝަނުން ފާހަގަކުރައްވައެވެ. އަދި ކެފެއިން ހިމެނޭ ބުއިންތައް ޚާއްސަކޮށް ކޮފީ ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮށްލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން, ހަށިގަނޑަށް އެކަށީގެންވާ މިންވަރަކަށް ކަސްރަތު ކުރުމަށްވެސް ޑޮކްޓަރުން އިރުޝާދު ދެއެވެ. މިގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން 30 މިނެޓުގެ ކަސްރަތުކުރުމާއި, ކަސްރަތާ އެކު, ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދިނުމަށްވެސް އިރުޝާދުދެއްވައެވެ. މި މާއްދާތަކުގެ ތެރޭގައި ކެލްސިއަމް, ޕޮޓޭސިއަމް, ވިޓަމިން ޑީ އަދި އީ ހިމެނެއެވެ.