މުހައްމަދު އަހުނަފް އިބްރާހީމް އާއި އޭނާގެ ކޮއްކޮ މަރިޔަމް އަލާނިޔާ އަބްދުލްގައްޔޫމް އަބަދުވެސް ދިމާވުމުން ދައްކަނީ އެއް ވާހަކައެކެވެ. ދިވެހި އާޓިސްޓުންނަށް ހާއްސަކޮށްގެން ތަފާތު ފެސްޓިވަލެއް ފެށުމުގެ ވާހަކައަކީ ދެމީހުން އަބަދުވެސް ދައްކާ ވާހަކައެވެ. އާޓިސްޓުންގެ ހުނަރުތައް އެއް ތަނަކުން ދައްކާލެވޭނެ ގޮތެއް ހޯދަން ވެގެން އުފެދުނު ހިޔާލު މިވަނީ އަހުނަފް އާއި އިތުރު ޒުވާނުންތަކެއް ގުޅިގެން ކުލަ ޖައްސައި ހަގީގަތަކަށް ހަދާފައެވެ.

އަހުނަފް އާއި އަލާނިޔާ ވަރަށް ކުރިން ވެސް ވާހަކަ ދައްކަމުން އައީ އާޓިސްޓުންނަށް ތަފާތު ކަމެއް ކޮށްދިނުމުގެ ބޭނުމުގައެވެ. ހުރިހާ އާޓިސްޓުން އެއްތަނަކަށް އެއްވެ ހުރިހާ އެންމެންގެ ހުނަރުތައް އެއް ތަނަކުން ދައްކާލެވޭނެ ހާއްސަ ޕްލެޓްފޯމެއް ހޯދުމުގެ ވާހަކަ އަބަދުވެސް ދެމީހުންގެ ދެމެދުގައި ދިޔައީ ދެކެވެމުންނެވެ.

"ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރު ވެދާނެ މި ކޮންސެޕްޓެއްގެ ވާހަކަ ދައްކާތާ. ފުރަތަމަ މި ވާހަތައް ދެކެވެމުން އައި މީހުންވެސް ފަހުން އިތުރުވާން ފެށި،" އަހުނަފް ކިޔައިދިނެވެ.

View this post on Instagram

A post shared by Charukeys (@charukeys)

އަހުނަފް އާއި އަލާނިޔާގެ ފަރާތުން ދެކެވެން ފެށި ވާހަކަތައް އިތުރަށް ސީރިއަސްވެ ދެން އެ ވާހަކަތައް އެކުވެރިންނާއެކު ވެސް ދެކެވެން ފެށިއެވެ. އެގޮތުން ވާހަކަތައް ދެން އެކުގައި ދެކެވެން ފެށީ އައިޝާ އާޝާ އާއި ޒީކް އަޝްރަފާއެކުގައެވެ.

އެކީގައި ދިމާވާ ހިސާބުންވެސް އަބަދު ދައްކާނީ މިކަހަލަ ހާއްސަ ހަރަކާތެއްގެ ވާހަކައެވެ. މި ހިޔާލުގެ ތެރެއިން އުފަން ވީ "ޗަރުކޭސް" އެވެ. ކޮބާ ޗަރުކޭސް އަކީ؟

"އެންމެން ދިމާވެގެން ވެސް އުޅޭއިރު ދައްކާނީ އަބަދު ފެސްޓިވަލް ވާހަކަ. ދެން އަބަދު ފެސްޓިވަލް ވާހަކަ ދައްކާތީ ވިސްނީ ނަމެއް ހޯދަން. އެއަށް ހާއްސަ ނަމެއް ހޯދަމުން ދިޔައީ ދިވެހި ބަސްތައް ހުރި ޓްރާންސްލޭޝަން ފޮތެއް. ދެން މިއިން އެކި ބަސްތައް ފެނި ޗަރުކޭސް ކަމުދިޔައީ،" އަހުނަފް ބުންޏެވެ.

View this post on Instagram

A post shared by Charukeys (@charukeys)

އަހުނަފަށް ޗަރުކޭސް ކަމުދިޔަ ނަމަވެސް އަލާނިޔާއަށް އެ ނަން ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އެކަމަކު ދުވަސްކޮޅަކު މި ނަން ފުރަތަމަ ބޭނުން ކުރަން ފެށީ ޓެސްޓުކޮށްލާށެވެ. އެންމެފަހުން އެންމެނަށް ވެސް ޗަރުކޭސް ކަމުގޮސްފިއެވެ.

އަލާނިޔާ އާއި އަހުނަފް އާ ދެމީހުންނަކީ ވެސް އެކި ދާއިރާގެ އާޓިސްޓުންނެވެ. އެގޮތުން އަލާނިޔާއަކީ ވިޝުއަލް އާޓިސްޓަކަށް ވެފައި އަހުނަފް އަކީ މިއުޒީޝަނެކެވެ. އެއާއެކު ހުރިހާ އެންމެން ވެސް ދިވެހި އާޓިސްޓުންގެ ކޮމިއުނިޓީއާ އޮތީ ވަރަށް ގާތް ގުޅުމެކެވެ. އާޓިސްޓުންނަށް އިތުރު މަގެއް ފަހި ކޮށްދިނުމަށް މި ޒުވާނުންގެ ގްރޫޕުން ބޭނުންވީ އެ ސަބަބާ ހުރެއެވެ.

"އަޅުގަނޑުމެން ބޭނުންވީ ކޮންމެ ކަހަލަ އާޓިސްޓަކަށް ވެސް އެމީހުންގެ ހުނަރު ދައްކާލެވޭނެ ފެސްޓިވަލެއް ފަށަން. ފެސްޓިވަލަށް ދިޔުމުން ބަލާލާ ކޮންމެ ދިމާލަކުންވެސް ތަފާތު ވައްތަރެއްގެ ކްރިއޭޓިވް އެކްސްޕްރެޝަނެއް ފެންނާނެ ގޮތެއް ހަދަން. މިއީ ޗަރުކޭސްގެ ބޭނުމަކީ،" އަހުނަފް ކިޔައިދިނެވެ.

View this post on Instagram

A post shared by Charukeys (@charukeys)

އާޓް މޫވްމެންޓެއްގެ ގޮތުގައި ޗަރުކޭސް އެންމެ ފަހުން ހިޔާލުން ބޭރުވެ ހަގީގަތަކަށް ވެފައިވަނީ މިދިޔަ އަހަރުގައެވެ. ފުރަތަމަ ޗަރުކޭސް އާޓް ފެސްޓިވަލް ބޭއްވީ ޓްރައިލް އެއްގެ ގޮތުގައެވެ. އެގޮތުން މި ފެސްޓިވަލް ބާއްވާފައިވަނީ ވެސް ކްރައުޑްފަންޑް ކޮށްގެނެވެ. ފެސްޓިވަލްގެ ފަންޑިން ހޯދުމަށް މަސައްކަތް ކުރީ ކަންމަތީ ފިހާރަތަކަށާއި އެ ނޫން ވެސް ތަންތަނަށް ގޮސްގެނެވެ.

އަދި ފުރަތަމަ ފެސްޓިވަލް އެންމެ ފަހުން މިދިޔަ އަހަރު ބޭއްވިއެވެ. އެއާއެކު އާޓިސްޓުންގެ ކޮމިއުނިޓީއިން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އޭގެތެރޭގައި ވިޝުއަލް އާޓިސްޓުންނާއި މިއުޒީޝަނުންގެ އިތުރުން ލިޔުންތެރިން އަދި ނެށުންތެރިން ވެސް ފެސްޓިވަލުގައި ބައިވެރިވިއެވެ. މި ފެސްޓިވަލް ވެގެން ދިޔައީ އާޓިސްޓުންނަށް މުޅިން އާ ދިރުމެއް ލިބިގެން ދިޔަ ހިތްވަރަކަށެވެ.

"ފެސްޓިވަލް ފެށުމުގެ ކުރިން ދިވެހި އާޓް ކޮމިއުނިޓީއަށް ބޮޑެތި ހުއްޓުންތަކެއް އައިސްފައިވަނީ. ކޮވިޑަށް ފަހު ގިނަ މަސައްކަތްތައް ހުރީ އާޓިސްޓުންނަށް ވެސް ހުއްޓިފައި. އެއާއެކު އަލުން މަސައްކަތްތައް ފަށައިގަތުމަށް ފެސްޓިވަލް މަސައްކަތް ކޮށްފައިވާނީ،" އަހުނަފް ކިޔައިދިނެވެ.

ކުޑަ ގްރޫޕަކާއެކު ފެށި ހިޔާލު ވަރަށް ބޮޑަށް ފުޅާ ވެއްޖެއެވެ. ދެވަނަ ފެސްޓިވަލް ބޭއްވިއިރު ގިނަ ބައެއްގެ މެދުގައި ޗަރުކޭސް މަގުބޫލުވެއްޖެއެވެ. އެކި ކަހަލަ އަމިއްލަ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކުގެ އެހީއާއެކު ދާދި ފަހުން ދެވަނަ ޗަރުކޭސް ފެސްޓިވަލް ނިންމާލާފައިވަނީ ކުރިއަށް ވުރެ ކުލަ ގަދަކޮށެވެ.

ނަމަވެސް ހުރިހާ އެންމެންވެސް އަމިއްލަ ދިރިއުޅުމާއި މަސައްކަތްތަކާއެކު މިފަދަ ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެންމެންވެސް މިކަމަށް އޮތް ކޮމިޓްމެންޓް ވަރަށް ބޮޑެވެ. އެހެންވީމާ ފެސްޓިވަލްގެ މަސައްކަތްތައް ކުރަނީ ވަރަށް ޖޯޝާއެކުގައެވެ. ދެވަނަ ފެސްޓިވަލް ނިމުނުތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް މިހާރުވެސް އަންނަ ފެސްޓިވަލަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ދެން އޮތް ފެސްޓިވަލް ތަފާތު ވާނެ ކަމަށް އަހުނަފް ޔަގީންކަން ދެއެވެ.