17 Dec 2022, 19:19
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން "ޓޫރިސްޓް ރެޕްރަޒެންޓޭޓިވް ކައުންޓަރުތަކެއް" ކުއްޔަށް ހިފާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ސަންއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ވީއައިއޭއިން އިތުރު ނުވަ ޓޫރިސްޓް ރެޕްރަޒެންޓޭޓިވް ކައުންޓަރު ކުއްޔަށް ހިފާނޭ ބަޔަކު ހޯދުމަށް މިހާރު އާންމުކޮށް ބީލަމަށް ހުޅުވާލާފައިވާކަމަށެވެ. އޮފިޝަލް ވިދާޅުވީ މި ކައުންޓަރުތައް ކުއްޔަށް ދޫކުރަނީ އިންޓަނޭޝަނަލް ޓާމިނަލުން ކަމަށެވެ.
އެމްއޭސީއެލްގެ ބީލަން ހުށަހެޅުމުގެ ދައުވަތުގައި ބުނެފައިވަނީ، ކައުންޓަރު ކުއްޔަށް ހިފާ ފަރާތަކީ ޓޫރިޒަމް މިނިސްޓްރީގައި ރިސޯޓް/ހޮޓާ/ގެސްޓްހައުސް/ސަފާރީ/ޔޮޓްމެރީނާ/ޑައިވްސެންޓަރ/ޓްރެވަލް އޭޖެންސީ ހިންގުމުގެ ހުއްދަ އޮންނަ ފަރާތެއް ކަމުގައި ވާންޖެހޭނޭ ކަމަށެވެ. ނަމަވެސް މިހާރު ވީއައިއޭގައި ޓޫރިސްޓް ރެޕްރަޒެންޓޭޓިވް ކައުންޓަރު އޮންނަ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނޭކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކަށް ދީފައިވަނީ އަންނަ ޖެނުއަރީމަހުގެ 16 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. ޓޫރިސްޓް ރެޕްރަޒެންޓޭޓިވް ކައުންޓަރު ތައް ދިނުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތު ލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 23 ވާ ހޯމަ ދުވަހުގެ 1400 ގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އިން އިތުރު ޓޫރިސްޓް ރެޕްރަޒެންޓޭޓިވް ކައުންޓަރުތަކެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާއިރު، ސަރުކާރުން އަންނަނީ އެކި ފޭސްތަކަށް ބަހާލައިގެން ވީއައިއޭ ތަރައްޤީކުރަމުންނެވެ.