މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށަައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން މީގެ ކުރިން ހޯދީ ދެ މީހެކެވެ. ނަމަވެސް އޭގެން އެކަކު ފެނިފައިވާއިރު، މިހާރު ހޯދަނީ ޓްރަކް ޑްރައިވަރެކެވެ.

"ހާދިސާއަށްފަހު ހެޑް ކައުންޓް ނެގިއިރު އެކަކު މަދުކަން އެނގުނީ. ދެން އެހެންވެ އެ މީހާ ހޯދަން މިހާރު މަސައްކަތް މި ކުރަނީ،" ބްރިޖު މަސައްކަތް ބަލަހައްޓާ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވިއެވެ.

އެގޮތުން މިހާރު ސިިފައިން ގުޅީފަޅު އެއްކޮށް ބަލައިފައިވާކަމަށާއި އެހެންނަމަވެސް އެ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ހޯދުމަށްޓަކައި ސިފައިންގެ އެހީތެރިކަމާއެކު އެހެން ސައިޓްތައް ވެސް އަންނަނީ ބަލަމުންނެވެ.

"ނަމަވެސް މި ވަގުތު އޭނާއަށް ވީގޮތެއް ޔަގީންކޮށް ދަންނަވާކަަށް އަޅުގަނޑަކަށް ނޭނގޭ. އަދި ހަމަ ސާޗިން ކުރިއަށް ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހެނދުނު އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި އިހުތިޖާޖު ވެސްވަނީ ކޮށްފައެވެ. އެ އިހުތިޖާޖު ކުރީ އަލިފާނުގެ ހާދިސާއަށްފަހު މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ނަމަވެސް އެފްކޮންސް މެނޭޖުމަންޓުން މިހާރު އެ ކަންބޮޑުވުންތައް އޮޅުން ފިލުވައި އެ މީހުންނާ އަންނަނީ ވާހަކަދައްކަމުންނެވެ.

ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ.

އަނެއް 200 މީހުން މަސައްކަތްކުރަނީ މާލޭގައި ހުންނަ ބްރިޖުގެ މަސައްކަތު ސައިޓުގައެވެ.