17 Dec 2022, 14:03
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއަށް ސައުދީ އަރަބިއްޔާ އަތުން ލިބުނު ނާކާމިޔާބީއާއެކު، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މަލާމާތްކުރި ސައުދީގެ ސަޕޯޓަރު މިހާރު ހުރީ އާޖެންޓީނާގެ ފަހަތުގައި އެ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައިކަން ހާމަވެއްޖެއެވެ.
ސައުދީއާ ދެކޮޅަށް ކުޅެ އާޖެންޓީނާ އެ މެޗުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ވެސް މެސީއެވެ. އެއީ ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.
މެޗުން އާޖެންޓީނާ ބަލިވުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ހޯދީ ސައުދީ އަރަބިއްޔާގެ ސަޕޯޓަރެކެވެ. އެއީ މެޗަށްފަހު ނޫސްވެރިއަކު ކުރިއަށް ގެންދިޔަ ލައިވް "އޮން-ކެމް" އެއްގެ ތެރެއިން، މި ސަޕޯޓަރު ނޫސްވެރިޔާ ކައިރިއަށް ގޮސް، ތަކުރާރުކޮށް މެސީ ކޮބައިތޯ އެހުމާ ގުޅިގެންނެވެ. އެ ސަޕޯޓަރު ވަނީ ނޫސްވެރިއާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުތަކާ ދިމާލަށް އިޝާރާތްކޮށް، އެ ޖީބުތައް ބެލުމަށްފަހު، "ވެއާއިސް މެސީ"އޭ އަހަރި، މެސީ ކޮބައިތޯ ސުވާލު ކޮށްފައެވެ.
މި ސަޕޯޓަރު މިފަދައިން ކަން ކޮށްފައި ވަނީ މެޗުގައި މެސީއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެއެވެ.
ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑު، ބެލަންޑޯ އެވޯޑު ހަތް ފަހަރަށް ހޯދައިފައިވާ ލިއޮނެލް މެސީއަށް މަލާމާތް ކުރުމަށްފަހު މިހާރު އެ ސަޕޯޓަރުގެ ފަރާތުން އަނެއްކާވެސް ތަފާތު މަންޒަރެއް މިވަނީ ފެނިފައެވެ.
މުބާރާތުގެ ފައިނަލުގެ ޖާގަ އާޖެންޓީނާއިން ހޯދާފައިވާއިރު މިހާރު އެ ސަޕޯޓަރު ފެންނަނީ އާޖެންޓީނާގެ ދިދަ އެކުލެވޭ ސްކާފެއް އަޅައިގެން ދަނޑަށް ވަދެ، އާޖެންޓީނާއަށް ސަޕޯޓުކުރާ މަންޒަރެވެ.
އެގޮތުން އަންގާރަ ދުވަހު އާޖެންޓީނާއިން ސެމީ ފައިނަލުގައި ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދި މެޗުގައި ގަތަރުގެ ލުސައިލް ސްޓޭޑިއަމަށް މި ސަޕޯޓަރު ވަދެފައިވާއިރު، މީޑިއާ އަކުން ވަނީ މި ސަޕޯޓަރުގެ އިންޓަވިއު އެއްވެސް ގެނެސްދީފައެވެ.
މި އިންޓަވިއުގައި އެ ސަޕޯޓަރު ވަނީ އާޖެންޓީނާއަށް ހިތްވަރު ދިނުމުގެ ގޮތުން "ވާމޯސް އާޖެންޓީނާ"އޭ ބުނެފައެވެ.
މިއާއެކު އަނެއްކާވެސް ގިނަ ބައެއްގެ ސަމާލުކަމަށް މި ސަޕޯޓަރު އައިސްފައިވާއިރު، ބައެއް މީހުން ބުނާ ގޮތުގައި، މެސީގެ ހުނަރުވެރި ކުޅުން ފެނިފައި، މި ސަޕޯޓަރު ވެސް އެންމެފަހުން މެސީއަށް ސަޕޯޓުކުރަން ފެށީ ކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ، އޭނާގެ ކެރިއަރުގައި ނުހޯދިވާ ހަމައެކަނި ބޮޑު ކާމިޔާބީ، ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް މާދަމާރޭ މުބާރާތުގެ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުންނާނެއެވެ.