ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކުއްލި ގޮތަކަށް މަރުވި ނަމަވެސް، ކަސްޓަމަރުންގެ މުދާ އަމާނާތްތެރި ކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޖަމްބޯ ފޯވާޑިން ކުންފުނިން ދީފިއެވެ.

ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވީ އިއްޔެ މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި ހާދިސާގައެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އިއްސެއަކީ ތައިލެންޑުގައި ފައިވާން އުފައްދާ ފެކްޓަރީއެއް ހިންގާ، ރާއްޖޭގައި ފައިވާން ވިއްކާ ފަރާތްތަކަށް ފައިވާން އުފައްދާ، ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރާ މީހެކެވެ. އޭނާ މަަސައްކަތް ކުރަމުންދިޔައީ އޭނާގެ ޖަމްބޯ ފޯވާޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި، ބެންކޮކުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްސެގެ ކުއްލި ވަކިވުމަކީ އެކުންފުންޏަށާއި، ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެހެންނަމަވެސް، އެކުންފުންޏާ ހަވާލުކޮށްފައިވާ އެތައް ކަސްޓަމަރުންގެ މުދާ، ތާވަލްކުރެވިފައިވާ ގޮތުގެ މަތީން އަމާނާތްތެރި ކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި، އެކުންފުނީގެ މަސައްކަތް އިހުނެކޭ އެއްފަދައިން ނުހުއްޓި ކުރިއަށް ދާނެ ކަމަށާއި، ކުންފުނީގެ ކަސްޓަމަރުންނަށް މެދުނުކެނޑި ލިބެމުންދާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

https://sun.mv/171752

މީގެ 22 އަހަރު ކުރިން، ދިމާވި މައްސަލަތަކެއްގެ ސަބަބުން އޭނާގެ ދިރިއުޅުން ތައިލެންޑުގެ ބެންކޮކަށް ބަދަލު ކުރުމަށްފަހު އިއްސެ ރާއްޖެ އައީ ފާއިތުވި ނޮވެމްބަރު މަހުއެވެ. ރާއްޖެ އައުމަށްފަހު އޭނާގެ އުފަން ރަށް ފުވައްމުލަކަށް ގޮސް ޢާއިލާއާއި ރައްޓެހީންނާއެކު ތިން ދުވަހު މަޑުކުރުމަށްފަހު އޭނާ މާލެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އިއްސެ މިފަހަރު ރާއްޖެ އައީ އޭނާގެ ކުންފުނީގެ އޮފީހެއް މާލޭގައި ހުޅުވުމަށެވެ. އޯކިޑު މަގުގައި އެ އޮފީސް ހުޅުވުމުގެ މަސައްކަތްކޮށް ނިމިފައިވާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެ ކުންފުނީގެ އޮފީސްތައް ހުޅުވުމަށް ދިޔައީ ތައްޔާރުވަމުންނެވެ.