10 Apr 2012, 12:37
ދިވެހިރައްޔިތުންގެ ހެލްތު އިންޝުއަރެންސްގެ ނަމުގައި ހިންގަމުންދާ އާސަންދަ ނިޒާމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނާ ހިލާފަށް ހިންގަމުންދާ ނިޒާމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނުމުން އާސަންދަ ހުއްޓާލުމަށް ވޯޓަށް އެހުމަށް މާލިއްޔަތު ކޮމެޓީގައި އެދިއްޖެ އެވެ.
އާސަންދަ ނިޒާމް ހުއްޓާލުމަށް ވޯޓެއް ނެގުމަށް ކޮމެޓީއަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ އެވެ. އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ކަމެއް ހިންގުމަށް އެންމެ ސިކުންތެއް ވެސް ދެވިގެން ނުވާނެ ކަމަށާއި މާލިއްޔަތު ކޮމެޓީ އިން އެކަން ބަލަން ތިބެގެން ނުވާނެ ކަމަށެވެ.
~
ނަމަވެސް ހަމްޒާ ވިދާޅުވީ އޭނާ އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވަނީ އާސަންދައަކީ ގާނޫނާ އެއްގޮތަށް ހިނގަމުންދާ ނިޒާމެއްކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް އާސަންދައިގެ ބަލަދުވެރި ފަރާތް ހެލްތު މިނިސްޓްރީ އިން އެ ނިޒާމަކީ ގާނޫނާ ހިލާފަށް ހިނގަމުންދާ ނިޒާމެއް ކަމަށް ބުނުމުން އާސަންދަ ހުއްޓުވެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުގެ ޕޮޒިޝަންއަކީ މިއީ ގާނޫނާ އެއްގޮތަށް އޮތް ކަމެކޭ. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ އާސަންދަ ހިންގަން ޖެހޭނެ، ހިންގެންޖެހޭނެ. ކީއްވެތޯ ހުއްޓާ ނުލާވާހަކަ [ސަރުކާރުން] ނުދައްކަނީ. ހުއްޓާލަންޖެހޭނެ. ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުހިންގޭނެ. އާސަންދަ ނިޒާމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އެގްރިމެންޓެއްގައި ސޮއިކޮށްފައި އޮތް ނަމަ މިހާރުން މިހާރަށް މިހިދުމަތް ބާތިލްކޮށް، މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެ،" ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދަވާ ހަމްޒާ ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގެ ބަހުސްގެ މަރުހަލާގައި ހަމްޒާ ވަނީ ދެ ފަހަރެއްގެ މަތިން އާސަންދަ ހުއްޓާލުމަށް ކޮމެޓީގައި ވޯޓެއް ނެގުމަށް ހުށަހަޅައިފަ އެވެ. އަދި އާސަންދަ ހުއްޓާލުމާ މެދު ސުޕްރީމް ކޯޓްގެ ލަފަޔަކަށް އެދުމަށް ވެސް ހަމްޒާ ހުށަހެޅުއްވި އެވެ.
ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމެޓީން މަސައްކަތް ކުރަމުންދާނީ ދައުލަތުގެ ބަޖެއްޓާ އެއްގޮތަށް ހަރަދުކުރެމުންދޭތޯ ބެލުން ކަމަށެވެ. ހެލްތު މިނިސްޓްރީއަކީ އިޖުތިމާއީ ކޮމެޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އިދާރާއެއް ކަމަށާއި ނަމަވެސް ކޮމެޓީން ބަލަމުންދާ މައްސަލާގައި އާސަންދަ ހުއްޓާލުމަށް މާލިއްޔަތު ކޮމެޓީގައި ވޯޓް ނެގިދާނެތޯ ބެލުމަށް ކައުންސިލް ޖެނަރަލް ފާތިމަތު ފިލްޒާގެ ލަފަޔަކަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އާސަންދަ ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީވެ، ގައުމީ ހެލްތު އިންޝުއަރެންސްގެ އާސާސީ ނިޒާބަށް ބުރޫނާރާނެ ގޮތެއްގެ މަތިން އާ ނިޒާމެއް ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ދިވެހި ރައްޔިތަކަށް އަހަރެއްގެ މައްޗަށް ލިބޭ އެއް ލައްކަ ރުފިޔާގެ އިންޝުއަރެންސް ލިބުން ދަތިކޮށްގެން ނުވާ އާ ޕްރޮގްރާމަކަށް ހެލްތު އިންޝުއަރެންސް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އާސަންދަ ނިޒާމް ހިންގަމުންދަނީ މިހާރުގެ ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން އެކުލެވިގެން ކަމަށެވެ. ވުމާއެކު އެ ނިޒާމް ހަމަޔަކަށް އެޅުވުމަށް ޓަކައި އަދި ގާނޫނީ ގޮތުން ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކޮމެޓީން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ލުތުފީ މާލިއްޔަތު ކޮމެޓީއަށް މިއަދު ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ އާސަންދަ ނިޒާމަކީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގައި ބެލެން ނެތް ނިޒާމެއް ކަމަށެވެ.
"އާސަންދަ ނިޒާމުން ކަންތައްތައް ބައްޓަން ކުރާ ގޮތަށް ބަލައި އަދި މިހާތަނަށް މި ސުކީމާ ގުޅޭ ގޮތުން ހޯދުނު ހޯދުންތަކުގެ މައްޗަށް ވިސްނާ އިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީ އާއި ފިނޭންސް މިނިސްޓްރީއާ އެކު އާސަންދަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ދަށުން 1 ޖެނުއަރީ 2012 އިން ފެށިގެން ހިންގަވަމުންގެ ގެންދަވާ އާސަންދަ ސްކީމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ 4 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގައި ބެލިދާނެ ގޮތެއް އޮތް ކަމުގައި ދެންނެވޭކަން ނެތް،" އެންސްޕާގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކޮމެޓީ އަށް ފޮނުއްވެވި ސިޓީގައިވެ އެވެ.