17 Dec 2022, 12:35
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ނުވަތަ ''ގްރޭޓަސްޓް އޮފް އޯލް ޓައިމް"، ކުރުކޮށް ކިޔާނަމަ ފުޓުބޯޅައިގެ ''ގޯޓް'' އަކީ ކޮބައިކަމާއިމެދު ކުރެވޭ ބަހުސްގައި، މިވަގުތު ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ތަރި، ފްރާންސްގެ ކިލިއަން އެމްބާޕޭ ބުރަވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮޅަށްކަން ހާމަވެއްޖެއެވެ.
ފުޓުބޯޅައިގެ ގޯޓް އަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯތޯ ނުވަތަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީތޯ، މިއީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ވެސް އަދި މިހާރު ވެސް އެންމެ ފޯރިއާއެކު ބަހުސް ކުރެވޭ އެއް މައުލޫއެވެ.
މި ބަހުސްގައި ކުރީގެ ފުޓުބޯޅަ ތަރިންނާއި، މިހާރުގެ ކުޅުންތެރިން އަދި ކޯޗުންނާއި ފުޓުބޯޅަ ސަޕޯޓަރުން ވެސް އެ މީހެއްގެ އަމިއްލަ ރައުޔު އަންނަނީ އިއްވަމުންނެވެ.
މި ބަހުސްގައި އެމްބާޕޭ ބުރަވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްކޮޅަށްކަން ހާމަކުރީ އެމްބާޕޭއާއެކު ޕީއެސްޖީއަށް ކުޅެފައިވާ، އަދި މިހާރު އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އަބްޑޫ ޑިއާލޯ އެވެ.
ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޑިއާލޯ ބުނީ، އެމްބާޕޭއަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކިލިއަން އެމްބާޕޭއަށް ހުރިހާ ވެސް މީހަކީ. ކްރިސްޓިއާނޯއަށް ވުރެ ލިއޮނަލް މެސީ މޮޅުކަމަށް އެއްވެސް މީހަކު ބުނެފިނަމަ، މަދުވެގެން ގަޑިއެއްހާއިރު އެމީހަކާ އެމްބާޕޭ ބަހުސް ކުރާނެ. އެމްބާޕޭގެ ނަޒަރުގައި ފުޓުބޯޅަ ތާރީޚުގައި ވެސް ރޮނާލްޑޯއާ އެއް ފަންތިއެއްގައި ކުޅެވުނު އަދި ކުޅޭ ކުޅުންތެރިއަކު ނެތް" އިންޓަވިއުގައި ވާހަކަދައްކަމުން ޑިއާލޯ ބުންޏެވެ.
ޑިއާލޯ މިފަދައިން ވާހަކަދައްކާފައި މިވަނީ، ފީފާ ވޯލްޑް ކަޕުގައި މާދަމާރޭ މެސީގެ އާޖެންޓީނާއާއި އެމްބާޕޭގެ ފްރާންސް ބައްދަލުކުރާ މެޗުގައި، މެސީއާއި އެމްބާޕޭގެ ކުރިމަތިލުމާ ގުޅޭގޮތުން ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.
މިއީ މި ދެ ތަރިންނަށް ވެސް ވަކިން ހާއްސަ މެޗެކެވެ. އެގޮތުން އާޖެންޓީނާގެ ގައުމީ ޖާޒީގައި މެސީ ކުޅޭނެ ފަހު މެޗަކީ މި މެޗު ކަމަށްވާއިރު، އޭނާގެ ކެރިއަރުގައި މިހާތަނަށް ހާސިލް ނުކުރެވި އޮތް ހަމައެކަނި ކާމިޔާބީ، ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
އަދި އުމުރުން 23 އަހަރުގައި ދެ ވޯލްޑް ކަޕް ކާމިޔާބުކޮށް، އެންމެފުރަތަމަ ކުޅުނު ދެ ވޯލްޑް ކަޕް ކާމިޔާބު ކޮށްގެން ބޮޑު ޝަރަފެއް ހޯދުމުގެ ފުރުސަތު އެމްބާޕޭއަށް އެބައޮތެވެ.

އަހަރުތަކެއް ކުރިން އެމްބާޕޭ ނަގާފައިވާ ފޮޓޯއެއް- ފޮޓޯ:- މާކާ
ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ލިސްޓަށް އެމްބާޕޭގެ ނަން އެރުމުގެ ކުރިންވެސް، އެކި ފަހަރު މަތިން އޭނާ ވަނީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ "އައިޑޮލް" ކަމަށް ބުނެފައެވެ.