17 Dec 2022, 11:34
ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފުން ގުޅީފަޅުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
އެމީހުން މި މުޒާހަރާ ކުރަން ފަށާފައިވާ ސަބަބު އަދި ސާފު ވާ ގޮތްވަނީ ނުވެފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ މުވައްޒަފުން އެއްވެ އިހުތިޖާޖު ކުރަމުންދާ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި އާންމު ވެފައެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ގުޅީފަޅުގައި ތިބި އެފްކޮންސްގެ 800 އެއްހާ މުވައްޒަފުންގެ ތެރެއިން ބައެއް މީހުން އިހުތިޖާޖު ކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.
އެގޮތުން، އަލިފާނުގެ ހާދިސާއަށް ފަހު އެ މީހުންގެ ތެރެއިން އެކަކު ގެއްލި ފެނިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހުންގެ ޝަކުވާ ތަކާ ގުޅިގެން އެމްއެންޑީއެފް އިން ހާދިސާ ހިނގި ސަރަހައްދު ބެލި ނަމަވެސް މީހެއްގެ ހަށިގަނޑު އަދި ފެނިފައި ނުވެއެވެ. ގެއްލުނު މީހާއަކީ ޓްރަކް ޑްރައިވަރެއް ކަމަށް އެނގިފައިވެއެވެ.
މީގެއިތުރުން، އެ ހާދިސާގައި ގިނަ މުވައްޒަފުންގެ ތަކެތި އަނދާފައިވާއިރު، އެ މުވައްޒަފުންގެ މުސާރަ އެންމެ ރަނގަޅަށް ދެމުން އައިސްފައި ނުވާތީ އެކަމުގެ ހިތްހަމަނުޖެހުން ވެސް ފާޅުކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހެނދުނު 10:32 ހާއިރު އެފްކޮންސްގެ މުވައްޒަފުން ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދީފައިވެއެވެ. އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދީފައިވެއެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު އެންމެންނަށް ވެސް އެފްކޮންސް އިން ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.