17 Dec 2022, 11:23
މިސްކިތްތަކުގެ މަރާމާތަށް އިސްލާމިކް މިނިސްޓްރީން އެކަށީގެންވާ ބަޖެޓެއް ނުދޭކަމަށް ބުނެ، އެ ކަމަށް ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ބާއްވާ ޓެލެތޯން އަންނަ މަހުގެ ހަތްވަަނަ ދުވަހަށް ފަސްކޮށްފިއެވެ.
މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހޯދަން ޓެލެތޯން ބާއްވަން މީގެ ކުރިން ނިންމައިފައިވަނީ އިއްޔެއެވެ. ނަމަވެސް އިއްޔެ އެ ޓެލެތޯން ބާއްވާފައެއް ނުވެއެވެ.
ޓެލެތޯން ފަސްކުރުމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ، ޓެލެތޯން ފަސްކުރީ އިތުރަށް ވާންޖެހޭ ތައްޔާރީތަކެއް ހުރުމުން ކަަމަށެވެ. އަދި އިތުރަށް ވީހާ ވެސް ގިނަ ބަޔަކު ޓެލެތޯންގައި ބައިވެރިކުރުވުމަކީ ވެސް ފަސްކުރި ސަބަބެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކަމަކަށް ކަމެއް ކުރާކަށް ނޫން. ބޭނުންވަނީ މިސްކިތްތައް ހަދަން. ވިޔަފާރިވެރިންނާ މީޓްކުރުމުގެ ކަންކަން މިހާރު މި ހިނގަނީ،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ބޭނުންވަނީ ނަތީޖާ ނެރެވޭ ގޮތަށް އެ ހަރަކާތް ބާއްވަން ކަމަށެވެ.
އަދި އެކަން ހާސިލްކުރުމަށް ޓަކައި މިހާރު ވެސް ޓެލެތޯން ބާއްވަން ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިހާރު މަސައްކަތް ކުރަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ، ހަފުތާ ބަންދުގައި ޓެލެތޯން ބާއްވަން ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އެ ވީކެންޑަށް މި ޓާގެޓުކުރަނީ. ދެން މިހާރު އެކިއެކި ފަރާތްތަކާ ވާހަކަދައްކައި، ވިޔަފާރިވެރިންނާ، ޓީވީތައް ވެސް ހަމަ އޮންބޯޑް. ޓެލެތޯންގައި ބައިވެރިވާނެކަމަށް ހަމަ ވަރަށް ގިނަ ޓީވީތަކުން ވެސް ބުނެފައިވަނީ. ރާއްޖެ ޓީވީ ފިޔަވައި ހުރިހާ ޓީވީއަކުން ބައިވެރިވާ ގޮތަށް އޮތީ. އެ ބޭފުޅުން ވަޑައިނުގަންނަވާ އެއްވެސް މީޓިން އަކަށް ވެސް،" މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިސްކިތްތަކުގެ މަރާމާތަށް ބަހަނާ ދެއްކޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެކަމަށެވެ. އަދި ބަޖެޓުން އެކަމަށް އެކަށީގެންވާ އަދަދެއް ކަނޑަނޭޅުމަކީ މިސްކިތްތަކުގެ މަރާމާތް ހުއްޓައިލައި، އެ ކަމަށް ހުރަސް އެޅޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި ގޮންޖެހުންތަކާ އެކު ވެސް ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސްކިތްތައް މަރާމާތުކޮށް، ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެކެވެ. މާލޭ ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގެ 42 މިސްކިތެއް ބަލަހައްޓައެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް ފައިސާ ދޫކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެހެންނަމަވެސް އެ މިނިސްޓްރީން ބުނި ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް ޚަރަދުކުރާނެ ޚާއްސަ ބަޖެޓެއް އެ މިނިސްޓްރީއަށް ލިބިފައެއް ނޯވެއެވެ.