17 Dec 2022, 10:26
ހިލޭ ޖެހުންތައް ޖެހުމުގައި ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ކުރީގެ އެއް ފުޓުބޯޅަ ކުޅުންތެރިޔާ, ޔޫގޮސްލާވީއާގެ ކުރީގެ ތަރި ސިނީސާ މިހަލޮވިޗް މަރުވެއްޖެއެވެ.
އުމުރުން 53 އަހަރުގައި މިހަލޮވިޗް މަރުވީ، ލޫކީމިއާ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ. 2019 ވަނަ އަހަރުން ފެށިގެން މި ބައްޔަށް އޭނާ ފަރުވާ ހޯދަމުން އައިއިރު، ބަލިން އެއްކޮށް ރަނގަޅުވިއެވެ. އެހެންނަމަވެސް މި އަހަރުގެ މާޗު މަހުގެ ތެރޭގައި އަނެއްކާވެސް މި ބަލި ޑައިގްނޯސް ކުރެވި، ބައްޔަށް ފަރުވާ ހޯދަން ފެށިއެވެ.
އޭނާ މަރުވީ، އިޓަލީގެ ރޯމްގެ ކްލިނިކެއްގައި އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
މިޑްފީލްޑަރެއްގެ ގޮތުގައި އަދި ޑިފެންޑަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ މިހަލޮވިޗް، ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސް ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ އިޓަލީގައެވެ.
އެންއެންކޭ ބޮރޮވޯއިން 1986 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ސީނިއާ ކެރިއަރު ފެށި މިހަލޮވިޗް ވަނީ އިޓަލީގެ ވަރުގަދަ ޓީމުތަކަށް ކުޅެފައެވެ. އެގޮތުން ރޯމާއާއި، ސަމްޕްޑޯރިއާއަށް، 1900 ގެ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ކުޅެފައެވެ. އެއަށްފަހު 1998 އިން 2004 ވަނަ އަހަރާ ހަމައަށް ލާޒިއޯއަށް ކުޅުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް އިންޓާ މިލާނަސް މިހަލޮވިޗް ކުޅެފައިވެއެވެ. އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ނިންމާލީ އިންޓާ މިލާނުންނެވެ.
މިހަލޮވިޗް އަކީ ޔޫގޮސްލާވިއާގެ ގައުމީ ޓީމަށް / ސާބިއާގެ ގައުމީ ޓީމަށް 1991 އިން ފެށިގެން 2003 އާއި ހަމައަށް ކުޅުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އާއި 2000ގެ ޔޫރޯގައިވެސް އޭނާ ކުޅުނެވެ. އެޓީމަށް ކުޅެދިން 63 މެޗުގެ ތެރޭގައި 10 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ.
"ފްރީ ކިކް" ޖެހުމުގައި ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއްގެ ގޮތުގައި ފުޓުބޯޅައިގެ މާހިރުން މިހަލޮވިޗް ސިފަކުރާއިރު، އިޓާލިއަން ލީގުގައި ފްރީ ކިކުން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑު އަދިވެސް އޮތީ މިހަލޮވިޗްގެ އަތުގައެވެ. އޭނާ ވަނީ ހިލޭޖެހުމުން 28 ލަނޑު ކާމިޔާބު ކޮށްފައެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ނިންމާލުމަށްފަހު މިހަލޮވިޗް އޭނާގެ ކޯޗިންގް ކެރިއަރު ފެށީ އިންޓާ މިލާނުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.
2008 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އޭނާ ވަނީ އިޓަލީގެ ޑޮޕް ޑިވިޝަނުގެ ހަ ކުލަބަކަށް އިރުޝާދު ދީފައެވެ. 2015 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ އިޓަލީގެ އޭސީ މިލާނަށް ކޯޗުކަން ކޮށްދީފައެވެ.
އޭނާ ވަނީ ސާބިއާގެ ގައުމީ ޓީމަށްވެސް އިރުޝާދުދީފައެވެ.