17 Dec 2022, 00:17
އާރްޓީއެލްގެ މާލޭ ބަހުގައި ހިމެނޭ އޯކިޑް ރޫޓާއި އަމީނީ ރޫޓަށް ވަގުތީ ބަދަލެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ އެ ބަދަލު ގެނެސްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީީ)އިން މަޖީދީ މަގުގައި ކުރަމުންދާ މަސައްކަތަކާ ގުޅިގެން އެ މަގު ބަންދު ކުރުމުން ކަމަށެވެ.
އެގޮތުން މަޖީދީ މަގު ނަލަހިޔާ ސަރަހައްދުން ފެށިގެން، ތޫމް ރެސްޓޯރެންޓް ސަރަހައްދާ ހަމައަށް ބަސްތައް ދަތުރު ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މަޖީދީ މަގު ހުޅުވާލުމުން އެ ދެ ރޫޓުން އާންމުކޮށް ދަތުރުކުރަމުން ދިޔަ ގޮތަށް އަނެއްކާވެސް ބަދަލު ކުރާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމްޓީސީސީއިން ވަނީ ބަސް ދަތުރުކުރާ ބައެއް ރޫޓުތަކަށް ދާއިމީ ބަދަލުތަކެއް ވެސް ގެނަސްފައެވެ. އެގޮތުން އޯކިޑު ރޫޓު (އާރް-10)ގައި ބަސް ހުއްޓާނެ ދެ ތަނެއް މަދުކޮށް، ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި އެ ރޫޓުގައި، ވެސްޓުޕާކް ސަރަހައްދުގައި ހުންނަ ސްޓޮޕަށާއި، މަޖީދީ މަގު، ސޯޝަލް ސެންޓަރު ކައިރީ ހުންނަ ރޫޓަށް ވެސް ނުހުއްޓާނެއެވެ. އެއާއެކު ހަމަ އެ ރޫޓަށް ހަތަރު ބަސް ސްޓޮޕް ވަނީ އިތުރުކޮށްފައެވެ.
އިތުރުކޮށްފައިވަނީ ދަރުމަަވަންތަ ހޮސްޕިޓަލް ކައިރިއަށް ބަސް ސްޓޮޕަކާއި، ކަނބާ އައިސާރަނީ ހިނގުމުން، ސޯޝަލް ސެންޓަރު ކައިރިއަށް ބަސް ސްޓޮޕެކެވެ.
މީގެ އިތުރުން ހަމަ އެ މަގުން އައިޖީއެމް ހޮސްޕިޓަލް ކައިރިއަށް ބަސް ސްޓޮޕެއްގެ އިތުރުން، އަމީނީ މަގުން މާފަންނު ފެރީ ޓާމިނަލް ނުވަަތަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ސްޓޮޕެކެވެ.
އެ ބަދަލުތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު މައިލާން "ސަން"އަށް މިއަދު ވިދާޅުވީ، އެއީ އާންމުންގެ އެދުމުގެ މަތީން ގެނައި ބަދަލުތަކެއް ކަމަށެވެ.
އެ ރޫޓަކީ އަމީނީ މަގުން އޯކިޑު މަގާއި ބޮޑުތަކުރުފާނު މަގާ ގުޅައިދޭ ރޫޓުކަމަށްވުމުން އެ ސަރަހައްދުގައި ހުންނަ ސްކޫލުތަކާއި އޮފީސްތަކާއި ހޮސްޕިޓަލަށް ދާ މީހުންނަށް ރޫޓު ބަދަލުކުރުމުގެ ފަސޭހަ ލިބޭނެކަމަށް މައިލާން ވިދާޅުވިއެވެ.