ދިވެހި ރައްޔިތުންގެ ހެލްތު އިންޝުއަރެންސްގެ ނަމުގައި ހިންގަމުންދާ އާސަންދަ ނިޒާމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްމުގެ ގާނޫނާ ހިލާފަށް ހިންގަމުން އަންނަ ނިޒާމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ލުތުފީ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ އާސަންދަ ނިޒާމަކީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ކަމުގައި ބެލެންނެތް ނިޒާމެއް ކަމަށެވެ.

"އާސަންދަ ނިޒާމުން ކަންތައްތައް ބައްޓަން ކުރާ ގޮތަށް ބަލައި އަދި މިހާތަނަށް މި ސުކީމާ ގުޅޭ ގޮތުން ހޯދުނު ހޯދުންތަކުގެ މައްޗަށް ވިސްނާ އިރު، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީއާއި ފިނޭންސް މިނިސްޓްރީއާ އެކު އާސަންދަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ދަށުން 1 ޖެނުއަރީ 2012 އިން ފެށިގެން ހިންގަވަމުންގެ ގެންދަވާ އާސަންދަ ސުކީމަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމްގެ 4 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގައި ބެލިދާނެ ގޮތެއް އޮތް ކަމުގައި ދެންނެވޭކަން ނެތް،" އެންސްޕާގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކޮމެޓީ އަށް ފޮނުއްވެވި ސިޓީގައިވެ އެވެ.

ތޯރިގު ފޮނުއްވެވި ސިޓީ މާލިއްޔަތު ކޮމެޓީ އަށް އިއްވުމަށް ފަހު، ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ ކޮމެޓީން ބަލަމުންދިޔަ އާސަންދަ ނިޒާމުގެ މައްސަލައިގެ ރިޕޯޓް ނިމިފައި ވަނިކޮށް، ހެލްތު މިނިސްޓްރީން ހުށަހެޅި ސިޓީ އެ ރިޕޯޓްގައި ހިމެނުމާ މެދު މެންބަރުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް މެންބަރުން ވަނީ އެ ސިޓީ އާސަންދަ ރިޕޯޓްގައި ހިމެނުމަށް އިންކާރުކޮށްފަ އެވެ.

އާސަންދަ މައްސަލާގެ ރިޕޯޓްގައި އެ ސިޓީ ހިމެނުމަށް މެންބަރުން ދެކޮޅު ހެދުމުން ކުރިން ކޮމެޓިން ފާސް ކުރި ގޮތަށް އާސަންދަ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ފެންނަ ގޮތެއް ނިންމުމަށް ފޮނުވާފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ތޯރިގު ކޮމެޓީ އަށް ފޮނުވި ސިޓީގެ މައްސަލަ ބަލަން ޖެހޭނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ސިޓީ ހުށަހަޅާފައި ވަނީ އެޓާނީޖެނަރަލް އައިޝަތު އާޒިމާ ޝުކޫރުގެ ލަފަޔަކާއި ނުލައި ކަމަށެވެ. އަދި ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދުގެ އެއްވެސް ބަހެއް ނުހިމަނައި ކަމަށެވެ.

ހަމްޒާގެ ހުށަހެޅުމަށް މެންބަރުން ތާއިދު ކުރުމުން ކޮމެޓީން ނިންމާފައި ވަނީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށެވެ.