17 Dec 2022, 00:04
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.57 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވަނީ، މި މަހުގެ ފަހުކޮޅު އެ އަމާޒު ހާސިލްވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އިތުރަށް، ދެން 136,804 ފަތުރުވެރިން ރާއްޖެ އައުމުން އެ އަމާޒަށް ވާސިލުވާނެއެވެ.
ޓޫރިޒަމް މިިނިސްޓްރީއިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރު މި މުއްދަތުގައި އައި ފަތުރުވެރިންނަށް ވުރެ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތް ކުރީ 1.23 މިލިއަން ފަތުރުވެރިންނެވެ.
ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު، ޖުމްލަ އަދަދުގެ 14.3 ޕަސެންޓު ހިއްސާކުރެއެވެ.
ރަޝިޔާއިން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 12.1 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 10.7 ޕަސެންޓެވެ.
މި މަހުގެ މިހާތަނަށް، ދުވާލަކު އެވްރެޖްކޮށް 4،689 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި އަށް ދުވަހު މަޑުކޮށްފައިވެއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.