16 Dec 2022, 22:29
އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަސް މިއަދު އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފާހަގަކޮށްފިއެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހިތަދޫ ޕޯޓްގައި މަދު ވަސީލަތްތަކާއެކު ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ޚިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގުތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެން ކަމަށެވެ. އެގޮތުން ޝާހިދު ވަނީ މިހާރުގެ ސަރުކާރުން ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލިއަޅުއްވާލައްވަފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ހިތަދޫ ޕޯޓަށާއި އެމްޕީއެލްއަށް ގިނަ ދުވަހު ޚިދުމަތް ކުރި ބައެއް މުވައްޒަފުންގެ އަގު ވަޒަންކޮށްފަ -- ފޮޓޯ/ އެމްޕީއެލް
ޝާހިދު ވިދާޅުވީ، ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށާއި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދުފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ޚާއްސަ ކުރާނެ ކަމަށެވެ. އަދި ޑޮމެސްޓިކް އުޅަނދުތަކަށް ޚާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް އަޅާނެ ކަމަށާއި އޭގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްއިން ވަނީ، ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމަށް ފަހު ރިޓަޔާ ކުރި ދެ މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައެވެ.
މީގެ އިތުރުން އެ ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެ ގިނަ ދުވަހަށް ޚިދުމަތް ކޮށްފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ ދިނެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.