އާއިލާއިން ރިޕޯޓް ކޮށްގެން ގެއްލިގެން ހޯދަމުން ދިޔަ 34 އަހަރުގެ ދިވެހި ފިރިހެން މީހާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ، ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމެވެ.

ފުލުހުން މިއަދު ހަވީރު ވަނީ އޭނާގެ ވަނަވަރު އާންމުކޮށް އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ މިރޭ 19:14ހާއިރު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން ބުނެފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ޖައިލަމްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 10:54ގައެވެ.