ކ. ގުޅީފަޅުގައި މީހުން ދިރިއުޅެން ހަދާފައި ހުރި އެކޮޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެފްކޮންސް އިން ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.

އަލިފާން ރޯވީ ތިލަމާލެ، ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބި އެކޮމެޑޭޝަނެއްގައެވެ. ރޭ 12:30 ކަންހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ.

އެ އަލިފާންގަނޑު ނިއްވާލެވުނީ 01:52 ހާއިރުއެވެ. އެ ހާދިސާގައި އެކެމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާހުލިވެފައެވެ.

އެ ހާދިސާއާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖިން ޑިޕާޓްމަންޓް ޔުނިޓުގެ މުޙައްމަދު ޖިނާހު ވިދާޅުވީ ހާލުގައި ޖެހުނު އެންމެންނަށް ވެސް އެފްކޮންސް އިން ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާ ގުޅީފަޅުން އެ މީހުންނަށް ދިރިއުޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޖިނާހު ވިދާޅުވިއެެވެ.

ޖިނާހު ވިދާޅުވީ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެޗްޑީސީން ވެސް އެފްކޮންސްއަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އެ ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދީފައިވެއެވެ. އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދީފައިވެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިިފައި ނުވާކަމަށް އެފްކޮންސްއިން ބުުނެފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.