ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ 34 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުން ވަނީ އޭނާގެ ވަނަވަރު މިއަދު ހަވީރު އާއްމުކޮށްފައެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ޖައިލަމްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 10:54ގައެވެ.

އޭނާ މިހާރު އުޅެމުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.