ދުނިޔެއަށް ފެތުރިފައިވާ ބޮޑެތި ވަބާތަކުގެ ތެރެއިން ފޮހެލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ، ރިޝްވަތަކީ ހައްގުނޫން ގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ހޯދައި ދިނުމަށް ދެވޭ ކޮންމެވެސް އެއްޗެއް ކަމަށެވެ. ތިމާ ނުވަތަ މީހަކު ކަމަކުން ސަލާމަތްވުމަށް ދޭ ފައިސާ ވެސް ވާނީ ރިޝްވަތަށެވެ. އަދި ހައްގު ނޫން ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ދޭ ކޮންމެ އެއްޗެއް ވެސް ވާނީ ރިޝްވަތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

"ހަމަ އެދަފައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި، އެ ނޫން ގޮތަކަށް އަމަލުކުރުން ވެސް ރިޝްވަތާ ކޮރަޕްޝަނުގެ ތެރެއަށް ވަންނާނެ." ޚުތުބާގައި ބުންޏެވެ.

ރާއްޖެވެސް ރިޝްވަތުގެ ވަބާގައި ޖެހިފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން ގާނޫނުތައް ތަންފީޒުކުރުމުގައާއި، ބޭނުންތައް ހާސިލްކުރުމުގައި ރިޝްވަތު ހިމަނާކަން ޚުތުބާގައި ފާހަގަކުރިއެވެ.

ރިޝްވަތުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އެކަމުގެ ނުބައި އަސަރު ކުރާނެކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ރިޝްވަތުގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމާއި ތަރައްގީ އަރައިނުގަނެވޭފަދަ ވަޅުގަނޑަކަށް ވެއްޓިދާނެކަމަށް ޚުތުބާގައި ބުންޏެވެ.

"ރިޝްވަތަކީ ކަނޑައެޅިގެން ހަރާމް އެއްޗެއްކަން ބަޔާންކުރައްވާ ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރަށްވާފައިވެއެވެ. އެއީ ދޮގުބަސް އަހާ މީހުނެވެ. ހަރާމް މުދާ ގިނަގިނައިން ކާ މީހުނެވެ،"

މީގެ އިތުރުން ޚުތުބާގައި ބުނީ، ރިޝްވަތުުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، އެކަމުގެ ސަބަބުން ފަހުން ލިބޭ ގެއްލުމާ ހަލާކު މާ ބޮޑުވާނެ ކަމަށެވެ.