ކ. ގުޅީފަޅުގައި މީހުން ދިރިއުޅެން ހަދާފައި ހުރި އެކޮޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އަނިޔާވި 76 މީހަކަށް ޓްރީޓޮޕްގަ އާއި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އަލިފާން ރޯވީ ތިލަމާލެ، ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބި އެކޮމެޑޭޝަނެއްގައެވެ. ރޭ 12:30 ކަންހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާހުލިވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕްގައި ފަރުވާދެނީ 63 މީހަކަށް ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާ ދެނީ 13 މީހަކަށް ކަމަށެވެ.

"އެ މީހުންގެ ތެރޭގައި ސީރިއަސް އަނިޔާވެފައިވާ ހަ މީހުން ހިިމެނޭކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ގުޅީފަޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގުޅީީފަޅުގައި މަސައްކަތްކުރާ އިންޑިިއާގެ އެފްކޮންސް ކުންފުުނިން ބުނީ، ގުޅީީފަޅުގައި ހުންނަ އެޗްޑީސީގެ މަސައްކަތްތެރިން ތިބޭ ޓެންޓެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި މި ހާދިސާގައި އެ ކުންފުނީގެ މަސައްކަތްތެރިންނަށް އެކި ވަރުގެ އަނިޔާ ލިބިިފައިވާކަމަށް އެފްކޮންސް އިން ބުންޏެވެ.

"ހާދިސާގައި އަނިޔާވި އެންމެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ،" އެފްކޮންސްއިން ބުންޏެވެ.

ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިިފައި ނުވާކަމަށް އެފްކޮންސް އިން ބުުންޏެވެ.

މިިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 00:31 ހާއިރު ކަމަށެވެ. އެ ހާދިސާގެ ފޮޓޯތަކުން، އަލިފާންގަނޑު އެއް އިމާރާތަށް ވުރެ ގިނަ އިމާރާތަށް ފެތުރިފައިވާ ކަމަށް ދައްކައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.