16 Dec 2022, 01:16
ކ. ގުޅީފަޅުގައި މީހުން ދިރިއުޅެން ހަދާފައި ހުރި އެކޮޮމޮޑޭޝަން ބްލޮކެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން މިރޭ ބުނީ ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 00:31 ހާއިރު ކަމަށް އެމްއެންޑީއެފްގެ ޓްވީޓެއްގައިވެއެވެ.

ގުޅީފަޅުގައި ހުރި އެކޮމޮޑޭޝާން ބްލޮކްގައި ރޯވި ހާދިސާގައި އަނިޔާވި މީހަކު މާލެ ގެނެސް އެމްބިއުލާންސަކަށް އަރުވަން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ނާއިލް ހުސެއިން
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފުސީލެއް އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެއެވެ.
އެ ހާދިސާގެ ފޮޓޯތަކުން، އަލިފާންގަނޑު އެއް އިމާރާތަށް ވުރެ ގިނަ އިމާރާތަށް ފެތުރިފައިވާ ކަމަށް ދައްކައެވެ.
އަލިފާން ރޯވުމުގެ ސަބަބުން އަނިޔާވި ކަމަށް ބެލެވޭ ބަޔަކު ލޯންޗުގައި މާލެ ގެނެސް، ފުލުހުންގެ އެހީތެރިކަމާއެކު އެމްބިއުލާންސަށް އަރުވައިގެންދާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެގޮތުން މާލެ ގެނައި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަވިއެވެ.