އެކްޓަރު ސިދާތް މަލްހޯތްރާ އަދި ބަތަލާ ރަޝްމިކާ މަންދަންނާ އެކީގައި ކުޅޭ އެކްޝަން ތްރިލާ ފިލްމު "މިޝަން މަޖްނޫ" ނެޓްފްލިކްސްގައި ރިލީޒްކުރާކަން ކަށަވަރުވެއްޖެއެވެ.

މީގެކުރިން ޖޫން މަހު ސިނަމާގައި ރިލީޒްކުރުމަށް ރޭވުނު ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ޑައިރެކްޓަރު ޝާންތަނޫ ބަގްޗީގެ މިފިލްމުގައި ސިދާތް ފެނިގެން ދާނީ ޕާކިސްތާނުގެ ފަސްގަނޑުގައި ޙަރަކާތްތެރިވާ އިންޑިއާއަށް ނިސްބަތްވާ އިންޓެލިޖެންސް އެޖެންޓެއްގެ ރޯލްއިންނެވެ.

ދާދިފަހުން ރިލީޒްވި ފިލްމު "ތޭންކް ގޯޑް"އަށްފަހު ސިދާތްގެ އިތުރު ފިލްމެއް ރިލީޒްވާއިރު މިއީ ސިދާތް ޖާސޫސްކުރާ މީހެއްގެ ރޯލްއިން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

ފިލްމާ ބެހޭގޮތުން ސިދާތް ބުނެފައިވަނީ އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ ވަރަށް މުހިއްމު ޙާދިސާއެއްގެ ވާހަކަ ކިޔައިދެވުމަކީ ލިބޭ ޝަރަފެއްކަމުގައެވެ. އަދި ފިލްމާމެދު އެކްޓަރުގެ އުއްމީދުވެސް ވަރަށްބޮޑުކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމު ސިނަމާގެ ބަދަލުގައި ނެޓްފްލިކްސްގައި ރިލީޒްވުމުން އިންޑިއާއިން ބޭރުގެ ފަރާތްތަކަށްވެސް އަމިއްލަ ގޭގައިތިބެގެން ފިލްމު ބެލުމުގެ ފުރުޞަތު މަގުފަހިވެގެންދާނެކަމަށް ސިދާތް ވަނީ ބުނެފައެވެ.

ކާމިޔާބު ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ މި ފިލްމާ ބެހޭގޮތުން ބުނެފައިވަނީ، އިންޑިއާގެ ސިޔާސަތު ދެމެހެއްޓުމުގައި ތާރީޚީ މިފަދަ ޙާދިސާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އިންޑިއާގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތްތައް މިފަދަ ޙާދިސާތަކުން ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމަށެވެ.

ބަތަލާ ރަޝްމިކާ މަންދަންނާއާއި ސިދާތް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "މިޝަން މަޖްނޫ"އަކީ، އިންޑިއާގައި މިހާތަނަށް ހިންގި އެންމެ މުހިއްމު އެއް މިޝަންގެ ވާހަކަ ކިޔައިދޭ ފިލްމެވެ. ބަތަލާ ރަޝްމިކާ މަންދަންނާއަކީ، ދާދިފަހުން ބޮލީވުޑަށް ތަޢާރަފްވި ސައުތް ސިނަމާގެ އެންމެ މަޤުބޫލު އެއް ބަތަލާއެވެ. އެކްޓަރު ސިދާތް މަސައްކަތްކުރާ އިތުރު ފިލްމަކީ، އަންނަ އަހަރުގެ ޖުލައި މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޔޮދާ"އެވެ.