10 Apr 2012, 12:03
ބާޒާރުމަތީގައި ހުރި އޮފީހެއް ފަޅާލައި 180،000ރ. އާއި ބައެއް ތަކެތި ވަގަށް ނަގައި ބާޒާރުމަތީގެ އިތުރު ފިހާރައަކުން ރޭ ވައްކަން ކޮށްފި އެވެ.
ރޭ ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންދިޔައީ ކ. އަތޮޅު ފިހާރަ މަތީގައި ހުންނަ ސާނީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހުންނެވެ. ދެން ވައްކަން ކުރީ މަޝްހޫރު ވެލަނބުލި ފިހާރައިންނެވެ. އެ ފިހާރައިން ވެސް ފައިސާ ވަގަށް ގެންގޮސް ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
ޝާނީޒް އިންޓަނޭޝަނަލްގެ އޮފީހުން ވާހަކަދެއްކެވި ވެރިޔަކު ވިދާޅުވީ އޮފީހުން 180،000ރ. އާއި ލެޕްޓޮޕަކާއި ކެމެރާއެއް ގެންގޮސްފައިވާ ކަމަށާއި ވަގުން ވަދެފައި ވަނީ އިމާރާތުގެ ފުރާޅުން ޓިނު ނަގައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މާލޭގައި ވައްކަން ކުރުމާއި ވަޅިން ހަމަލާ ދިނުން އާންމުވެފައި މި ދަނޑިވަޅުގައި ވެލަނބުލި ފިހާރައި ފަޅާލިއިރު އެ ފިހާރައިގެ ސޭޓް މިއަދު ބުނީ އެ ފިހާރައިން ވަގަށް ނެގީ ދެ ޑަޒަން ވަޅި އާއި ވަކިލާރިން ހުރި 350ރ. ކަމަށެވެ.
"ދެ ޑަޒަން ވަޅި ވަގަށް ގެންދިޔައިރު ފައިސާ ވެސް ގެންދިޔަ،" ސޭޓް ބުންޏެވެ. އެ ސޭޓް އަދި ބުނީ އެ ފިހާރަ ވެސް ފަޅާލާފައި ވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށެވެ.
ފުލުހުން ބުނީ ވައްކަމުގެ މި ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ވައްކަންތަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފަހަކަށް އައިސް ބާޒާރުމަތީ ފިހާރަތަކުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ އެތަންތަނުން ވައްކަން ކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން، ޖަޒީރާ ބިލްޑިންގުގައި ހުންނަ ހެވީ ލޯޑް އޮފީހާއި، ސޮނޭވާފުށި އަދި ނައިބު ރައީސްގެ މުހައްމަދު ވަހީދުއް ދީނުގެ ބަނޑޮސް ރިސޯޓްގެ އޮފީސް ފަޅާލައިގެން ވައްކަން ކުރުމަށްފަހު ވަނީ ގެއްލުންތައް ދީފަ އެވެ.