16 Dec 2022, 11:49
ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 25ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ޕަތާން"އާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޢާއްމުން އަޑުއުފުލުމާ ގުޅިގެން އެކްޓަރު ޝާހްރުކް ޚާން އެކަމަށް ރައްދު ދީފިއެވެ.
ޓްވިޓާގެ އިތުރުން ފޭސްބުކް، އިންސްޓަގްރާމް އަދި އިތުރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުން ނުރުހުން ފާޅުކުރަން ފަށާފައި ވަނީ އެ ފިލްމުގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގް" ރިލީޒް ކުރުމާ ގުޅިގެންނެވެ.
އިންޑިއާގެ ކޮލްކަތާގައި ބޭއްވުނު 28ވަނަ ކޮލްކަތާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެކްޓަރު ބުނެފައިވަނީ، ސޯޝަލް މީޑިއާގައި އިންޑަސްޓްރީއާއި ދެކޮޅަށް ޢާއްމުން ދައްކާ ވާހަކަތަކުގެ ނޭދެވޭ އަސަރު ސިނަމާއަށް ކުރާނެ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ ޝާހްރުކް ޚާން ފަދަ ހިންދީ ސިނަމާގެ ގިނަ އެކްޓަރުންގެ ފިލްމީ ކެރިއަރު ބައްޓަންކުރުމުގައި ސޯޝަލް މީޑިއާ ކުޅެފައިވާ ދައުރު ބޮޑުކަމުންނެވެ.
މީގެއިތުރަށް ވާހަކަ ދައްކަމުން ކިންގް ޚާން ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ހުންނަ ފާޑުކިއުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ރަނގަޅު ކުރިއެރުން ލިބި، ހެޔޮ ފައިދާތަކެއް ކޮށްފައިވާކަން ދާދިފަހުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ފެންނަން ހުންނަ ފާޑުކިއުންތަކަކީ ވަރަށް ލިމިޓެޑް ފާޑުކިއުންތަކެއްގެގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.
ޝާހްރުކް ޚާންގެ ފިލްމަށް ލިބެމުންދާ ފާޑުކިއުންތަކާ ގުޅޭގޮތުން އޭނާ ވާހަކަ ދައްކާފައި މި ވަނީ މީގެ ދެ ދުވަސްކުރިން މަދިއަ ޕްރަދޭޝްގެ ހޯމް މިނިސްޓަރު ނަރޯތަމް މިޝްރާ، ފިލްމުގެ ލަވަ "ބޭޝަރަމް ރަންގް"އާ ދެކޮޅަށް އަޑުއުފުލާފައިވަނިކޮށެވެ.
ފިލްމު ބޮއިކަޓްކުރުމަށް ގޮވާލައި އިންޑިއާގެ އެކިހިސާބުތަކުގެ މީހުން މަގުތަކަށް ނިކުމެ ޝާހްރުކް ޚާންއާއި ބަތަލާ ދިޕިކާ ޕަދުކޯންގެ ފޮޓޯތައް ވެސް ވަނީ އަންދާލާފައެވެ.
ޔާޝް ރާޖް ފިލްމްސް އިން އުފައްދާ މި ފިލްމަކީ، އެކްޓަރު ޝާހްރުކް ޚާންގެ ފިލްމެއް ރިލީޒް ނުވާތާ ދިގު މުއްދަތަކަށްފަހު ރިލީޒްކުރެވޭ ފިލްމެކެވެ. ޝާހްރުކްޚާންގެ އިތުރުން އެކްޓަރު ޖޯން އަބްރަހަމް ފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދާނެއެވެ.