ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށް އިދިކޮޅު ކޮލިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރު މިސްބާހް އައްބާސް ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކޮމިޝަންގެ ރިޕޯޓަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫންކަމަށެވެ.

"އެއީ ސިޔާސީ ރިޕޯޓެއް. އެއީ ސިޔާސީ ކޮމިޝަނެއް. ސިޔާސީ ކޮމިޝަނުން ނެރޭނީ ސިޔާސީ ރިޕޯޓް،" އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައަކީ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ބަލާ ނިމިފައި އޮތް މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރިލްވާނުގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނުން އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށެވެ. އެގޮތުން މީގެ ކުރިން މަރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ރިލްވާނުގެ މަރުގެ މައްސަލައާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށް 2019 ވަނަ އަހަރު ވިދާޅުވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި ރިލްވާނުގެ މަރަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މަރު ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިޙް ކުޅުއްވާ ކުޅިވަރެއްކަމަށެވެ. ރައީސް ޞާލިޙް ބޭނުންފުޅުވާ ބަޔަކު ލައިގެން ކޮމިޝަން އެކުލަވާލީ މި ސަބަބަށް ޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މަރުކޮމިޝަނުގައި އެތިބީ ކޮން ބައެއްތޯ. މަރުތަކާ ބެހޭ މައްސަލަ ބެލުމަށް އެމީހުންގެ ކޮން އިލްމެއްތޯ ހުރީ؟ އެމީހުންގެ ގާބިލުކަން އެބަހުރިތޯ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު މި މައްސަލަ ފެންމަތި ކޮށްގެން އުޅެނީ، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރެވޭނޭ ކަމުގެ ޔަގީންކަން މި ސަރުކާރަށް ނެތުމުން ކަމަށެވެ.

މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ވިދާޅުވީ ރިލްވާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު، ރާއްޖެއިން ބޭރަށް ފުރީ ރައީސް ޔާމީންގެ އެހީތެރިކަމާއެކުގައިކަން ކޮމިޝަނަށް އެނގިފައިވާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު މުނާޒު ރާއްޖެއިން ފުރުމުގެ ކުރިން ރައީސް ޔާމީނާ ބައްދަލުކުރިކަން ވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ މިސްބާހަށް އަބުރުގެ ދައުވާ ކުރަން ނިންމާފައިވާ ކަަމަށް ބުނެފައެވެ.