17 Dec 2022, 14:03
އެމެރިކާ ސަރުކާރުގެ ބޭނުންތަކަށް ގެންގުޅޭ ޑިވައިސްތަކުން ޓިކްޓޮކް މަނާކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުން ފާސްކޮށްފިއެވެ.
"ނޯ ޓިކްޓޮކް އޮން ގަވަމަންޓް ޑިވައިސަސް އެކްޓް"ގެ ނަމުގައި އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅި އެ ބިލު ސެނެޓުން ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިލިއަނަކަށް ވުރެ ގިނަ ޔޫޒަރުންގެ މެދުގައި މަގުބޫލުވެފައިވާ ޓިކްޓޮކާ ދެކޮޅަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މި ފިޔަވަޅު އަޅާފައިވާއިރު، އެމެރިކާގެ އޮފިޝަލުން ބިރުގަންނަނީ ޓިކްޓޮކްގެ ބެލެނިވެރި ބައިޓްޑާންސްގެ މައްޗަށް ޗައިނާ ސަރުކާރުން ނުފޫޒު ފޯރުވާފާނެތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓިކްޓޮކްއަށް ފިޔަވަޅު އެޅުމަށް މިދިޔަ އަހަރުވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެކަމަކު އެފަހަރު އެބިލް މަޖިލީހުގެ އޯވަސައިޓް ކޮމިޓީގެ މެންބަރުން ފާސްކޮށްފައެއް ނުވެއެވެ.
އެމެރިކާގައި އެއްވެސް ވަރަކަށް ޓިކްޓޮކް ބޭނުން ނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ ސިޔާސީ ބައެއް އިސް އޮފިޝަލުން ގޮވާލާފައިވާ އިރު، އެމެރިކާ ސަރުކާރާއި ބައިޓްޑާންސްއިން ދަނީ ސަރުކާރުގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވަމުންނެވެ.
އެހެންނަމަވެސް، މިދިޔަ އަންގާރަ ދުވަހު ފްލޮރިޑާގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މާކޯ ރޫބިއޯ އިސްކޮށް ހުންނަވައިގެން ވަނީ އެމެރިކާއާ ދެކޮޅުވެރި ކަމަށް ބެލެވޭ ގައުމުތަކުގެ ނުފޫޒުގެ ދަށުގައި އޮންނަ އެޕްތައް އެމެރިކާގައި މަނާކުރުމަށް އަންގާ ބިލެއް ކޮންގްރެސްއަށް ހުށަހަޅާފައެވެ. އެ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އީރާން، އުތުރު ކޮރެއާ، ކިއުބާ އަދި ވެނެޒުއެލާ ހިމެނެއެވެ.
އެމެރިކާގެ ކޮންގްރެސްއިން އެ ބިލް ފާސްކުރުމުގެ ކުރިން، އެގައުމުގެ ހަތް ސްޓޭޓަކުން ވަނީ ސަރުކާރުގެ ބޭނުންތަކަށް ގެންގުޅޭ ޑިވައިސްތަކަށް ޓިކްޓޮކް އެޅުން މަނާކުރާނެ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރުނެބްރަސްކާ އިން ސްޓޭޓުން ވަނީ ދައުލަތުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާކޮށްފައެވެ.
މީގެ އިތުރުންވެސް އެމެރިކާގެ މައި ސަރުކާރުގެ ބައެއް އިދާރާތަކުން ވަނީ އެ އިދާރާތަކުގެ މުވައްޒަފުން ޓިކްޓޮކް ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާއާއި، ސްޓޭޓް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ އެ އެޕް ސަރުކާރު ހިއްސާވާ ޑިވައިސްތަކުން ބޭނުންކުރުން ހަނިކޮށްފައެވެ.
ސީއެންއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ސެނެޓުން ފާސްކުރި ބިލް މުޅި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މައްޗަށް ތަންފީޒު ކުރާނެއެވެ.