އޮޑިޓް އޮފީހުގެ ވަޒީފާ އިން މިދިޔަ އަހަރު ވަކިކުރި 21 މުވައްޒަފެއްގެ ތެރެއިން 16 މީހެއްގެ ވަޒީފާ އަލުން ރުޖޫއަކޮށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ކުރި އަމުރުގައި ބުނަނީ އޮޓިޓް އޮފީހުގެ 16 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އެ މުވައްޒަފުން ވަކިކުރި ވަޒީފާގައި އަލުން ބޭތިއްބުމަށް އޮޑިޓް އޮފީހަށް އަންގައި އަމުރުކުރާ ކަމަށެވެ.

އަދި އެ 16 މުވައްޒަފުން ވަޒީފާ އިން ވަކިކުރި ފަހުން މިއަދާ ހަމަޔަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އޮޑިޓް އޮފީހުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ޓްރައިބިއުނަލްގެ ޝަރީއަތުގައި އެ 16 މުވައްޒަފުން ވަޒީފާ އިން ވަކިކުރީ، އަމިއްލަ އިހުތިޔާރުގައި އެ މީހުން އެކަމަށް އެދިގެން ކަމަށް އޮޑިޓް އޮފީހުން ބުނާ ބުނުމަށް ވެސް ޓްރައިބިއުނަލުން ވަނީ ޖަވާބުދީފަ އެވެ.

އެ އަމުރުގައި ބުނަނީ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކާއި ފާހަގަކުރި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކުރާ އިރު އެމީހުން ވަޒީފާ އިން ވަކިވުމަށް އަމިއްލަ އަށް އެދިފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ.

"މައްސަލަ ހުށަހެޅި ފަރާތްތައް އަމިއްލަ އިޚުތިޔާރުގައި ވަޒީފާ އިން ވަކިވާން އެދުނުކަމަށް ބުރަވެވެން ނެތަތީ، ވާޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް، މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި، ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރަށް ރިއާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބޭތިއްބުމަށާއި އެ ފަރާތްތަކަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިވެފައިވާ ބަޔެއް ކަމަށް ނުބެލުމަށް،" ޓްރައިބިއުނަލްގެ އަމުރުގައިވެ އެވެ.

އޮޑިޓް އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު، ދަށް ވެގެން ދެ މާއްދާ އިން ޖީސީއީ އޯލެވެލްގެ ސީ ފާސް ލިބިފައި ނުވާ 21 މުވައްޒަފަކަށް، ތިން ދުވަހުގެ ނޯޓިސްދީ ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަޒީފާ އިން ވަކިކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރި 21 މީހުންގެ ތެރެއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 16 މުވައްޒަފެކެވެ. އަދި ޓްރައިބިއުނަލުން ވަޒީފާ ރުޖޫއަކޮށް ދިނުމަށް އަމުރު ކުރީ ވެސް އެ 16 މުވައްްޒަފުންގެ ވަޒީފާ އެވެ.

ވަޒީފާ އަލުން ރުޖޫއަކޮށްދިން، އޮޑިޓް އޮފީހުގެ މުވައްޒަފަކު މިއަދު ބުނީ އެ މީހުންގެ ވަޒީފާ އަލުން ރުޖޫއަކޮށް ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އިސް ދައުރެއް އަދާކޮށްދެއްވި ކަމަށެވެ.