15 Dec 2022, 19:50
ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދެކެ ޖެހިލުން ނުވާކަމަށް ފްރާންސްގެ ގައުމީ ސްކޮޑުގައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިން ބުނެފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގައި މޮރޮކޯ ބަލިކޮށް ފްރާންސްއިން ފައިނަލުގެ ޖާގަ ހޯދި މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ގިނަ ކުޅުންތެރިންތަކެއް މީޑިއާއާ ވާހަކަދެއްކިއިރު، އެ ހުރިހާ ކުޅުންތެރިން ވެސް ވަނީ މެސީ އަކީ ނުރައްކާތެރި ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް އޭނާއަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް ބުނެފައެވެ.
އެގޮތުން ފްރާންސްއިން މޮރޮކޯގެ މައްޗަށް 0-2 އިން ކުރިހޯދި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން ތިއޯ ހެނާންޑޭޒް ބުނީ، ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ނުހަނު ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށާއި، 2018 ވަނަ އަހަރެކޭ އެއްފަދައިން މިފަހަރުގެ ވޯލްޑް ކަޕުވެސް ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމުގައި، ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.
އަދި އާޖެންޓީނާ އަކީ ޓީމެއްގެ ގޮތުގައި މޮޅަށް ކުޅޭ ޓީމެއް ކަމަށްވާއިރު، މެސީއަށް ވަކި ހާއްސަ ސަމާލުކަމެއް ދީގެން، މެސީ ދެކެ ބިރުން ނުވަތަ ޖެހިލުންވެގެން ނޫޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލަނޑު ޖެހުމަށްފަހު ތިއޯ ހެނާންޑޭޒް އުފާ ފާޅުކުރަނީ--- ފޮޓޯ/ގެޓީ އިމޭޖަސް
ފްރާންސްގެ އޯލް ޓައިމް ޓޮޕް ސްކޯރާ އޮލިވިއާ ޖިރޫ ވެސް މި މޭރުމުން ވާހަކަދައްކަމުން ބުނީ، މެސީ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއަކަށްވީ ނަމަވެސް، ފައިނަލް މެޗުގައި މެސީ، އޭނާ އެންމެ ބޭނުންވާ ކުޅުން ދެއްކުމުގެ ފުރުސަތު ފްރާންސްއިން ނުދޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ފްރާންސްއިން ކުރާނެ ކަމަށް ޖިރޫ ބުންޏެވެ.
ޖިރޫ އިތުރަށް ބުނީ އާޖެންޓީނާގެ ފުރަތަމަ 11 ގައި މެސީގެ އިތުރުން 10 ކުޅުންތެރިން ތިބޭއިރު، އެ ޓީމަކީ ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކާ ޓީމެއް ކަމަށެވެ.

ފްރާންސްގެ އޯލް ޓައިމް ޓޮޕް ސްކޯރާ އޮލިވިއާ ޖިރޫ --ފޮޓޯ/ގެޓީ އިމޭޖަސް
މި ފަހަރުގެ ވޯލްޑް ކަޕުގައިފްރާންސް ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ ގްރީޒްމަންއާއި ޒުވާން މިޑްފީލްޑަރު ޗުއެމެނީ ވެސް ބުނީ، އާޖެންޓީނާގެ ވަކި ކުޅުންތެރިއަކަށް (މެސީ)އަށް ހާއްސަ ސަމާލުކަމެއް ދީގެން އޭނާ ހުއްޓުވުމަށް ވަކި ޕްލޭނެއް ނުގެންގުޅޭނެ ކަމަށެވެ. އަދި އާޖެންޓީނާއާ ކުރިމަތިލާއިރު ވަކިން މެސީ ހުއްޓުވަން ވިސްނުމުގެ ބަދަލުގައި އަމާޒުހިފާނީ މުޅި އާޖެންޓީނާ ހުއްޓުވުމަށް ކަމަށް ފްރާންސްގެ މިޑްފީލްޑަރުން ވަނީ ބުނެފައެވެ.

ފްރާންސްގެ ގްރީޒްމަން (ކ) އާއި ޗުއަމެނީ (ވ) އިންގްލެންޑުގެ ފިލް ފޯޑަން (މ) އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް
މޮރޮކޯގެ މައްޗަށް ހޯދި މޮޅާއެކު ފްރާންސްއިން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދިއިރު، މިއީ 2002 ވަނަ އަހަރަށްފަހު ފީފާ ވޯލްޑް ކަޕުގައި ޖެހިޖެހިގެން ދެ މުބާރާތުގެ ފައިނަލުގައި އެއް ޓީމެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. އެންމެފަހުން ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލް އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. ޖެހިޖެހިގެން ދެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅެ 2002 ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީވެސް ބްރެޒިލްއެވެ. އޭގެ ކުރީ ވޯލްޑް ކަޕް، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތަށި ބްރެޒިލް ބަލިކުރުމަށްފަހު އުފުލާލީ ފްރާންސްއެވެ. އެއީ ފްރާންސްގައި ބޭއްވި ވޯލްޑް ކަޕެވެ.
ފައިނަލުގައި ކުޅޭ ފްރާންސާއި އާޖެންޓީނާ ވެސް ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕުގެ ތަށި އުފުލާލާފައެވެ. އާޖެންޓީނާއިން މުބާރާތް ކާމިޔާބު ކުރީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުއެވެ.
މީގެކުރިން އާޖެންޓީނާއާއި ފްރާންސް ފީފާ ވޯލްޑް ކަޕެއްގެ ފައިނަލުގައި ވާދަކޮށްފައެއް ނުވެއެވެ.