ސިނާއީ މަސައްކަތްތަކުގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފައިވާ ތިލަފުށީގެ ދެވަނަ ފޭސް ތަރައްގީކުރާނެ ގޮތުގެ މާސްޓާ ޕްލޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދު މެންދުރު ފަހު ލިވިން އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު، އެ މާސްޓާ ޕްލޭން އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ތިލަފުށި ތަރައްގީވުމުން ވިޔަފާރިތަކަށް އޮތް ބިމުގެ ދަައްޗާއި ބިމު ކުއްޔަށް ހޭދަކުރާ ބޮޑު ޚަރަދު ކުޑަވާނެކަމަށެވެ. އަދި ގިނަ ވަސީލަތްތަކަކާއެކު މާލޭ ސަރަހައްދުގެ ފުރިހަމަ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ވާނެކަމަށެވެ.

"މިހާރު މި ސަރުކާރުން ވެސް އިތުރަށް އެކްސްޕޭންޑްކޮށް ވިޔަފާރިތަކަށް ހުރި ދަތިތައް ވެސް ވަރަށް ބޮޑަށް ލުއިވާނެ. ގުޅީފަޅަށް ޕޯޓު ބަދަލުވުމާއެކު އަޅުގަނޑުމެންގެ އުންމީދަކީ ތިލަފުށްޓަށާއި ގުޅީފަޅަށް މާލޭގައި ހުރި ހުރިހާ ސިނާއީ މަސައްކަތްތަކެއް ބަދަލުވުން. އެތައް ޚަރަދެއް ކޮށްގެން މާލޭ ކަނެކްޓިވިޓީ ބްރިޖު މި އަޅަނީ އެ ސަބަބަށް ޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫގެ ދަށުން ތިލަފުށީގައި މިހާރު ކުނިން ހިއްކައިފައިވާ 120 ހެކްޓަރުގެ ބިމަށް، 151 ހެކްޓަރުގެ ބިން ހިއްކައި އިތުރުކުރާނެއެވެ. އެއީ ތިލަފުށީގެ ދެވަނަ ފިޔަވައްސެެވެ.

ތިލަފުށި ތަރައްގީކުރާއިރު އެކި ބާވަތުގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ސަރަހައްދުތައް ކަނޑައަޅާނެއެެވެ. އެގޮތުން ހެވީ އިންޑަސްޓްރިއަލްއަށް ޚާއްސަ ސަރަހައްދަކާއި، ގުދަންކުރުމަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ.

ތިލަފުށީ ދެވަނަ ފިޔަވަހީގެ މޮޑެލްއެއް -- ސަން ފޮޓޯ/ މުހައްްމަދު ޝާތިއު

އޭގެ ތެރޭގައި ހިމެނެނީ:

  • އޮފީސް އިމާރާތްތައް

  • ސްޓާފުންނަށް ލޭބާ ވިލޭޖަކާއި ރިކްރިއޭޝަނަށް ޚާއްސަ ސަރަހައްދެއް
  • ގުދަންތައް ހިމެނޭ ސަރަހައްދެއް.
  • ތެޔޮ ރައްކާކުރަން ޚާއްސަ ފާމެއް.
  • ޕަވާ ޕްލާންޓެއް

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމުމުން މާލޭގައި ސިނާއީ މަސައްކަތްތައް ކުރުން އެއްކޮށް ހައްލުކޮށް ނިމުމަކަށް ގެނެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ވިޔަފާރިއަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.