މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުاللهގެ މަރުގެ މައްސަލައިގައި، މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް ،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓް އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސާ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ވަނީ، ރިލްވާންގެ އާއިލާ މެންބަރުންނާއި ބައްދަލުކޮށް، ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލުކޮށް އެ މީހުންނާ ހިއްސާކޮށްފައި ވާނެކަމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެންބަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެ މައުލޫމާތުތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން، ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރުމަށް، ކޮމިޝަނުގެ މެމްބަރުންގެ އަރިހުގައި ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ މި ހަފްތާ ތެރޭގައި އަހްމަދު ރިލްވާންގެ އާއިލާ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.