16 Dec 2022, 11:26
އެތައް އަހަރެއް ވަންދެއް ފޭނުން ބިރުގަންނަވާލަމުން އަންނަ ފްރެންޗައިޒް "ސްކްރީމް"ގެ އާ ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.
ސްކްރީމްގެ އެންމެ ފަހު ފިލްމަށް ފަހު އެތައް ބަޔަކު އިންތިޒާރު ކުރަމުން އައީ ދެން ފިލްމު ފްރެންޗައިޒަށް ވާނެގޮތަކާ މެދުގައެވެ. ގާތްގަނޑަކަށް 27 އަހަރު ވަންދެއް ފިލްމުގެ ލީޑުން ފެނުނު ނީވް ކެމްޕްބެލް ވަނީ އެންމެ ފަހުން ފިލްމު ފްރެންޗައިޒަށް އަލްވަދާއު ކިޔާފައެވެ.
ފްރެންޗައިޒްގެ ފަސް ފިލްމަށް ފަހު ނީވް އެ ފްރެންޗައިޒަށް އަލަވަދާއު ކިޔާފައިވާތީ ފްރެންޗައިޒުގެ އާ މިސްރާބަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެފަހުން އެ އިންތިޒާރަށް ނިމުމެއް އަންނަ ހިސާބާ ގާތްވެއްޖެއެވެ.
ސްކްރީމްގެ ހަވަނަ ބައިގެ ފުރަތަމަ ޓީޒަރު އާންމުކުރި އިރު އެ ފިލްމު ފަށާނީ ފަސްވަނަ ފިލްމު ނިމުނު ހިސާބުންނެވެ. އެގޮތުން ފަސް ވަނަ ފިލްމުގައި ލީޑުން ފެންނަ ޖެނާ އޯޓޭގާ މި ފިލްމުގެ ލީޑުން ފެންނާނެއެވެ. އަދި އޭނާ އާއެކު ސަޕޯޓިން ރޯލުން ފެނުނު ބައެއް އެކްޓަރުން ވެސް ހަ ވަނަ ބައިން ފެނިގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެއަކަސް ފިލްމުގެ ޓީޒަރުން ވެސް ފޭނުންގެ މެދުގައި ބިރުވެރިކަން ވަނީ އުފައްދާފައެވެ. އެގޮތުން ފްރެންޗައިޒްގެ މަޝްހޫރު "ގޯސްޓް ފޭސް" ސީރިއަލް ކިލާ މި ފިލްމުގެ ޓީޒަރުން ވެސް ފެނިގެން ދެއެވެ. ޓީޒަރުން ފެނިގެން ދަނީ ރޭލެއްގެ ތެރެއިން މަންޒަރެކެވެ. އަދި އެތައް ބަޔަކު ގޯސްޓް ފޭސް މާސްކު އަޅައިގެން އުޅޭ ތަނެވެ.
ދެން ފިލްމުގައި ވާ ގޮތް އެނގޭނީ ރަސްމީ ޓްރެއިލާއަކުންނެވެ. ފިލްމުގެ ލީޑުން ޖެނާގެ އިތުރުން ސަމާރާ ވީވިން އާއި ހޭޑެން ޕެނިޓެއާ ފަދަ ފާހަގަކޮށްލެވޭ އެކްޓަރުން ހިމެނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެނެވެ.