16 Dec 2022, 11:18
ބޮލުގައި ރިއްސުމަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ކޮންމެވެސް އިރަކު ތަހައްމަލު ކުރަން ޖެހޭ އިހުސާސެކެވެ. ބޮލުގައި ރިއްސުމުގެ ފަހަތުގައި އެކި ސަބަބުތައް ވެއެވެ. އޭގެތެރޭގައި ސްޓްރެސް އަކީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ނަމަވެސް ކެވޭ އެއްޗެހީގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެއް ކަން އެނގޭ ހެއްޔެވެ؟
އެއްބައި މީހުންނަށް ބޮލުގައި ރިއްސުމުގެ އިހުސާސް ތަހައްމަލު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އަނެއް ބައި މީހުންނަށް މިއީ އާންމު ކަމަކަށް ނުވި ނަމަވެސް މިއީ ހަމަ ވަރަށް ވޭން ހުރި ކަމެކެވެ. އަދި މިފަދަ ބޮލުގައި ރިއްސުން އައުމުގެ ފަހަތުގައި ބައިވަރު ސަބަބުތައް ވެއެވެ. އެކަމު ގިނަ ބަޔަކަށް ނޭނގޭނެ އެއް ކަމަކީ ކާ އެއްޗެހީގެ ސަބަބުން ބޮލުގައި ރިއްސުމެވެ.
އިންޑިއާގެ ސޯޝަލް މީޑިއާ ޕާސަނަލިޓީ، އަދި ނިއުޓްރީޝަނެއް ކަމަށްވާ އަންޖަލީ މުކަރުޖީ ބުނާގޮތުގައި މީހާގެ ޑައިޓުގެ ސަބަބުން ބޮލުގައި ރިއްސުމަށް މެދުވެރިވާ ކަމަކީ ގިނަ ބަޔަކަށް ގަބޫލުވެސް ނުކުރެވޭ ކަމެއް ކަމަށެވެ.
އާންމުކޮށް ބޮލުގައި ރިއްސުމަކީ މީހާގެ ޑީއެންއޭގެ ސަބަބުން ވެސް މެދުވެރިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ ސަބަބުން މީހާ އެކި ކަހަލަ ކާއެއްޗެއްސާ ނުގުޅުން ހިމެނޭ ކަމަށާއި އެއީ ބޮލުގައި ރިއްސުމުގެ ފަހަތުގައިވާ ސަބަބެއް ކަމަށް އަންޖަލީ ބުނެއެވެ.
އަންޖަލީ ފާހަގަކުރާ ގޮތުގައި ޗީޒް އަކީ ބޮލުގައި ރިއްސުމަށް އެއްބައި މީހުންނަށް މެދުވެރިވާ އެއްޗެކެވެ. އެގޮތުން ޗީޒްގައި ހުންނަ ބާވަތެއް ކަމަށްވާ ޓައިރަމީން އަކީ ބޮލުގައި ރިއްސުމަށް މަގުފަހިކޮށްދޭ އެއްޗެއް ކަމަށް އޭނާ ބުނެއެވެ. ޓައިރަމީންގެ ސަބަބުން ލޭހޮޅިތަށް ވަގުތީގޮތުން ފިތެން މެދުވެރިވާ ކަމަށާއި އެއީ ބޮލުގައި ރިއްސަން މެދުވެރިވާ ސަބަބު ކަމަށް އޭނާ ކިޔައިދިނެވެ.
ޗޮކްލެޓަކީވެސް ހަމަ އެފަދައިން ބޮލުގައި ރިއްސުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. އޭނާ ބުނާގޮތުގައި ކޮންމެ ދުވަހަކު ގިނައިން ޗޮކްލެޓް ކާ ނަމަ އޭގެ ސަބަބުން މީހާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސާނެއެވެ. އެއީ ޗޮކްލެޓުގައި ކެފެއިން އާއި ޓައިރަމީން ހިމެނޭތީއެވެ. މި ދެ ބާވަތަކީ ވެސް ބޮލުގައި ރިއްސުމަށް މެދުވެރިވާ ޒާތުގެ އެއްޗެއްސެވެ.
އަންޖަލީ އިތުރަށް ފާހަގަކުރާ ގޮތުގައި ސިޓްރަސް މޭވާތަކާއި ރޯ ކިރަކީ ވެސް ބޮލުގައި ރިއްސުމަށް މެދުވެރިވާ އެއްޗެއްސެވެ.
މި ހުރިހާ ތަކެތީގެ ސަބަބުން ބޮލުގައި ރިއްސާނަމަ މި ތަކެތި ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހޭނެއެވެ. މި ތަކެތި އާންމުކޮށް ބޭނުންކުރާ ނަމަ ބޮލުގައި ރިހުން ދުވަހަކު ނުފިލާނެއެވެ.