މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް ކައިވެނިކުރުމަށް ހުށަހެޅުމަށް ހިތުލި ކޮންމެ ފަހަރަކަށް ހެދި، އަނގޮޓިތަކުން ޖަވާހިރުގެ ބޮޑު ފަށެއް ހަދައިފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޑްރޭކް ދާދިފަހުން ވަނީ ޖަވާހިރުން ފުރިގެންވާ ފަށެއް ހަދާފައެވެ. މި ފަށް ފުރާލެވިފައިވަނީ ހުސް ޖަވާހިރުންނެވެ.

ޑްރޭކް ބުނިގޮތުގައި އެއިން ކޮންމެ ޖަވާހިރަކީ އަނގޮޓިއެކެވެ. އަދި އެއިން ކޮންމެ އަނގޮޓިއަކީ އޭނާ އެކީގައި އުޅުނު ލޯބިވެރިންގެ ތެރެއިން މީހަކާ ކައިވެނި ކުރުމަށް ހިތުލި ކޮންމެ ފަހަރެއް ރަމްޒުކުރުމަށް ހެދި އަނގޮޓިތަކެއް ކަމަށް ޑްރޭކް ބުނެއެވެ. އަދި އެއިން އެއްވެސް ފަހަރަކު އެ ކައިވެންޏެއް ކުރުމަށް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފަށުގައި ޖުމްލަ 42 ޖަވާހިރު ހިމެނެއެވެ.

މި އަނގޮޓިތަކުން ފަށެއް ހެދުމަށް ހަވާލުކޮށްފައިވަނީ ގަހަނާ ޑިޒައިން ކުރާ މީހެއް ކަމަށްވާ އެލެކްސް މޮސް އާއެވެ. އެލެކްސް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާގޮތުގައި 42 އަނގޮޓީގެ ފަށުގައި 315.38 ކެރެޓުގެ ޖަވާހިރު ހިމެނޭނެއެވެ.

މޮސް ފާހަގަކޮށްފައިވާގޮތުގައި އެ ފަށް ހެދުމަށް 14 މަސް ހޭދަވިއެވެ. "ޕްރިވިއަސް އެންގޭޖްމެންޓް" ކިޔާ މި ފަށުގެ ޖަވާހިރު ފިޔަވައި ދެން ހުރި ހުރިހާ ބަޔަކީ 18 ކެރެޓުގެ ހުދު ރަނުން ހަދާފައިވާ ބައިތައް ކަމަށް މޮސް ހާމަކޮށްފައިވެއެވެ.

ފަށަށް އަރާ ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޖަވާހިރުގެ މާހިރެއް ކަމަށްވާ ޒެކް ސްޓޯން ބުނާގޮތުގައި އެ ފަށުގެ އަގު ގާތްގަނޑަކަށް 13 މިލިއަން ޑޮލަރާ ގާތް ކުރާނެއެވެ. ނަމަވެސް ސީދާ އަދަދެއް އެހެން ބުނަން ނޭނގޭ ކަމަށް ޒެކް ފާހަގަކުރިއެވެ.

މި ފަށާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ޑްރޭކްއަށް ރައްދުވެފައެވެ. އެގޮތުން ޑްރޭކްގެ އެ އަމަލަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ހަޖޫ ޖަހަމުން އެބަދެއެވެ. އަދި މީހުން ބުނާގޮތުގައި މި އަމަލަކީ ފަހުރުވެރިވެފައި ދައްކަން ޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ.