16 Dec 2022, 11:05
ޑީސީގެ މަޝްހޫރު ސުޕަހީރޯ "ސުޕަމޭން"ގެ ރޯލަށް މަޝްހޫރު އެކްޓަރު ހެންރީ ކެވިލް އަނބުރާ ގެނައުމަށް ނިންމާފައި ވަނިކޮށް އޭނާ އެ ރޯލުން ބޭރުކޮށްލައިފިއެވެ.
ވޯނާބްރޮސްއިން ސުޕަމޭން އަލުން ފަށައި "މޭން އޮފް ސްޓީލް" އާއެކު އާ ސުޕަމޭން ފްރެންޗައިޒް އެއް ތައްޔާރުކުރީ މަގުބޫލު އެކްޓަރު ހެންރީ ކެވިލް އާއެކުގައެވެ. އެއަށްފަހު އޭނާ އެ ރޯލުން އެންމެ ފަހުން ފެނިފައިވަނީ ޒެކް ސްނައިޑާގެ "ޖަސްޓިސް ލީގް" ކަޓާގައި 2017 އަހަރުގައެވެ.
އެއާއެކު ފޭނުން އިންތިޒާރު ކުރަމުން ދިޔައީ ސުޕަމޭން އަލުން ފެންނާނެ ދުވަހަކަށެވެ. އަދި އެ އިންތިޒާރަށް ނިމުން އައިސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައި ނެރުނު ބްލެކް އެޑަމް ފިލްމާ އެކުގައެވެ. އަދި އެއާއެކު ޑީސީގެ ގިނަ ޕްރޮޖެކްޓުތަކުން ފެނިގެންދާނެ ކަމަށް ކެވިލް އިއުލާނު ވެސް ކުރިއެވެ.
ނަމަވެސް އެ ވާހަކަ މިހާރު މިއޮތީ އެއްކޮށް ބަދަލުވެފައެވެ. ސުޕަމޭންގެ ރޯލުން ކެވިލް ބޭރުކޮށްލައިފިއެވެ.
ޑީސީގެ ބެލެނިވެރި ކުންފުނި ވޯނާބްރޮސްއަށް އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެއާއެކު ފަށާފައިވާ ގިނަ ޕްރޮޖެކްޓުތައް ވެސް އަންނަނީ ކެންސަލް ކުރަމުންނެވެ. އަލަށް ގެނައި އެއް ބަދަލަކީ ސުޕަހީރޯ ފިލްމުތައް އުފެއްދުމަށް މަގުބޫލު ޖޭމްސް ގަން އާ ޑީސީގެ ކުރިއަށް ހުރި ޕްރޮޖެކްޓުތައް ރޭވުމަށް ހަވާލުކުރުމެވެ.
ޑީސީގެ އާ މިސްރާބަށް ބަލާއިރު ގަން ބޭނުން ވަނީ މުޅިން ތަފާތު ހިޔާލަކާއެކު މަސައްކަތްތައް އަލުން ފެށުމަށެވެ. އޭގެ ތެރެއިން ސުޕަމޭންގެ ރޯލުން ކެވިލް ބޭރުކޮށްލުމަކީ އެއް ބައެވެ.
ކެވިލް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ އޮކްޓޯބަރުގައި ސުޕަމޭން އެނބުރި އަންނާނެ ކަމަށް އިއުލާނު ކުރުމަށްފަހު އެ ރޯލުން އޭނާ ދޫކޮށްލުމަކީ އަޑުއަހަން އެހާ ފަސޭހަ ކަމެއް ނޫން ކަމެވެ. ނަމަވެސް ގަންގެ ދުރު ވިސްނޭ ހިޔާލުގައި ކެވިލް ނެތް ކަމަކީ އޭނާ ގަބޫލު ކުރާ ކަމެއް ކަމަށް ކެވިލް ފާހަގަކުރިއެވެ.
ކެވިލް ބުނިގޮތުގައި ޑީސީއިން އަދިވެސް ސުޕަމޭން ގެންނަން ބޭނުންވެއެވެ. ނަމަވެސް އެ ރޯލު އަނބުރާ ގެނައުމަށް ބޭނުންވަނީ މުޅި އާ މިސްރާބެއްގައި އާ އެކްޓަރަކާއެކުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.