15 Dec 2022, 15:39
ސަރުކާރު ކުންފުނިތަކަށް ކޮރަޕްޝަނާ ދެކޮޅު ދެފުށް ފެންނަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފަށައިފިއެވެ.
އެބޯޑުން ބުނީ، މިފަދަ އުސޫލެއް އެކުލަވާލުމުގެ މަގްސަދަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހެޔޮ ވެރިކަމުގެ އެއް ސިޔާސަތު ކަމުގައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަޒާހަތްތެރިކަން އިތުރުކުރަން ކަމަށެވެ.
އެގޮތުން، މި އުސޫލާއެކު މާކެޓިން، ސްޕޮންސާޝިޕް އަދި އެޑްވަޓައިޒްމަންޓް ހަރަކާތްތަކާއި ސީއެސްއާރް ހަރަކާތްތައް ވަކިވެގެންދާނެކަމަށް އެބޯޑުން ބުންޏެވެ.
މި އުސޫލު އެކުލަވާލުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރިއަށް ގެންދަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، މި އުސޫލަށް އަމަލުކުރަން ފެށުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރް އަދި އެކި އެކި ސްޕޮންސާޝިޕް ހަރަކާތްތަކާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.
އެގޮތުން، ސީއެސްއާރް ހަރަކާތްތައް ޕްލޭންކޮށް ބަޖެޓްކޮށްގެން ކުރިއަށް ގެންދިއުމުގެ ހަމަތައް ކަނޑައެޅޭނެކަމަށާއި، ސީއެސްއާރްގެ ގޮތުގައި ނުކުރެވޭނެ ކަންތައްތަކާއި ކުރެވޭނެ ހާލަތްތައް ބަޔާން ކުރެވޭނެ ކަމަށްވެސް އެބޯޑުން ބުންޏެވެ.
ޕްރަވަޓައިޒޭޝަން ބޯޑުން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ މެދުތެރޭ މި އުސޫލު އެކުލަވާލައި އަމަލު ކުރަން ފެށޭނެ އެވެ.