10 Apr 2012, 09:29
މިޝިގަން (އެޕްރިލް 10) : މާތްވެގެންވާ އިސްލާމް ދީނާއި މުސްލިމުންނާމެދު ޢަދާވާތްތެރިކަން ގެންގުޅުމުގައި ހައްދުފަހަނަޅާފައިވާ އެމެރިކާގެ ނަސާރާ ފާދިރީ ޓެރީ ޖޯންޒް އަނެއްކާވެސް އިސްލާމް ދީނަށް ބަހުގެ ޙަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ މިޝިގަން ސްޓޭޓްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި އިސްލާމް ދީނަށާއި މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން މިދިޔަ އާދިއްތަދުވަހު ޖޯންޒްވަނީ އޭނާގެ ހައްދުފަހަނަޅާފައިވާ ފިކުރަށް ހެއްލިފައިވާ ވިއްސަކަށްމީހުންނާއެކު މުޒާހަރަކޮށް އިސްލާމް ދީނަކީ ހަރުކަށިކަމަށް ގޮވާލައި ދުނިޔޭގެ ޤައުމުތައް އަޅުވެރިކުރުމުގެ ފަލްސަފާގެ ދީނެއް ކަމަށް ސިފަކޮށްފައެވެ.
"މުސްލިމުންގެ ޙަޤީޤީ ލަނޑުދަނޑިއަކީ ދުނިޔެ އިސްތިޢްމާރުކޮށް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް މުޅިދުނިޔެ ގެނައުން" ޖޯންސް ބުނެފައިވެއެވެ.
ޖޯންޒް އާއި އޭނާގެ ބައިވެރިން އިސްލާމްދީނާ ދެކޮޅަށް އުފުލާފައިވާ ޝިޢާރުތައް ލިޔެފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސިބަހުންނެވެ. އޭނާ ބުނީ އިސްލާމީ ފިކުރު ބިނާވެފައިވަނީ ދުނިޔޭގައިވާ ޣައިރު މުސްލިމުން ގަދަބާރުން އިސްލާމް ދީނަށް ވައްދައި އެމީހުން އަޅުވެތިކުރުމުގެ މައްޗަށް ކަމުގައެވެ. އަދި އެމެރިކާވެސް މުސްލިމުންގެ އަތްދަށަށް ދިޔުމުގެ ބިރު އެބައޮތް ކަމަށް ބުނެ ޖޯންޒް އެމެރިކާގެ ރައްޔިތުންނަށް އިންޒާރު ދިނެވެ.
ޖޯންޒް ބުނީ މުސްލިމުންގެ ޢަދަދު ދުނިޔޭގައި ގިނަވަމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި މިހާރުގެ މުސްލިމް ޒުވާނުންދަނީ ދީނުގައި ވަރަށް ވަރުގަދައަށް ހިފަހައްޓައި ޖިހާދުގެ ރޫޙެއްގައި މަސައްކަތް ކުރަމުން ކަމުގައެވެ. މުސްލިމުން ސައެންސްގެ ރޮނގުތަކުގައި ކުރިޔަށްދާން ފަށާފައިވާ ކަމަށާ މިއީ އެމެރިކާއަށްހުރި ވަރަށް ބޮޑު ބިރެއްކަމަށްވެސް ޖޯންޒް ސިފަކުރިއެވެ.
ޖޯންޒްވަނީ 2010 ވަނަ އަހަރު ކީރިތި ޤުރްއާނުގެ ކޮޕީތައް އެންދުމަށް ފާޅުގައި ގޮވާލުމަށްފަހު މުސްލިމުން އެކަމާދެކޮޅަށް އަޑުއުފުލުމުން ބިރުގަނެ ފަހަތައް ޖެހިފައެވެ. ނަމަވެސް އެއަށްފަހު އެނުބައި ޢަމަލު ސިއްރިޔާތުގައި އޭނާ ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖޯންޒް އާއި އޭނާގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން މުޒާހަރާކުރުމުގެ ކުރިން މިޝިގަންގެ އިސްލާމީ މަރުކަޒުގެ ކުރިމަތީގައި ކީރިތި ޤުރްއާނަށާއި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް މުސްލިމުންނަކީ ނުރައްކާތެރި ބައެއްކަމަށްބުނެ ހަސަދައާއި ނަފްރަތުގެ ޚިތާބެއް އޭނާ ދީފައިވެއެވެ.
މިޝިގަންގެ ފުލުހުންވަނީ އެސަރަޙައްދުގެ މުސްލިމުންނާއި ޖޯންޒްގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުމެއް ހިނގާފާނެތީ ސަލާމަތީ ފިޔަވަޅުތައް އަޅައި އިސްލާމީ މަރުކަޒާއި މިސްކިތް ޖޯންޒްގެ ނުރައްކަލުން ސަލާމަތް ކޮށްފައެވެ. – ޔޫއެސްއޭ ޓްޑޭ