މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަޙްމަދު މުސްތަފާ މިއަދު އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން ހޮވުމަށް ވޯޓުލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މެމްބަރުން މަގާމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ އެމްއެމްސީގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބުކޮށްފައެވެ.

އެމްއެމްސީގެ ރައީސް މަގާމަށް ޕީއެސްއެމްގެ ފަރާތުން މުޞްތަފާ ކުރިމަތި ލެއްވިއިރު، އާފަތިސް އޮންލައިންގެ ފަރާތުން ކުރިމަތިލެއްވީ އަލީ ނިޝާންއެވެ. ރައީސްކަމަށް މުސްތަފާ އައްޔަންކޮށްފައިވަނީ ނުވަ މެމްބަރުންގެ ވޯޓުންނެވެ. ނިޝާންއަށް ލިބިފައިވަނީ ހަ ވޯޓެވެ.

މިއީ މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމު ޕީއެސްއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ. މުސްތަފާއަކީ މީޑިއާ ދާއިރާއިން މީހުން ތަމްރީން ކުރުމަށާއި، ދައުލަތުގެ މީޑިއާގެ ނިއުސްރޫމް ހިންގުމަށް އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އެގޮތުން މީޑިއާ ދާއިރާގައި އޭނާ މަސައްކަތްކުރައްވާތާ 28 އަހަރު ފުރިފައިވާއިރު، ޕީއެސްމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ނޫސްވެރިން ތަމްރީން ކުރުމަށް ހިންގާ އެކި ކޯސްތަކުގައި އުނގަންނައި ދިނުމަށް ގިނަ މަސައްކަތްތަކެއް ވެސް އޭނާ ކުރައްވައެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް ތިން ބޭފުޅަކު ވާދަކޮށްފައިވާއިރު، އެމަގާމަށް ހޮވިފައިވަނީ ވަގުތު އޮންލައިންގެ ހުސައިން ޝަރީފްއެވެ. އޭނާއަށް ލިބިފައިވަނީ ހަތް ވޯޓެވެ. ދެން އެ މަގާމަށް ވާދަކުރި ވަން އޮންލައިންގެ މުހައްމަދު ސިމާއު އަށް ލިބިފައިވަނީ ދެ ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އަމީން މުހައްމަދަށް ލިބިފައިވަނީ ހަ ވޯޓެވެ.

މީޑިއާ ކައުންސިލްގައި ހިމެނެނީ މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރާ ހަތް މެމްބަރުންނާއި އާންމު މެމްބަރުންގެ ގޮތުގައި ހިމެނޭ ހަ މީހުންނެވެ. މީޑިއާތަކުން އިންތިޚާބުކުރަންޖެހޭ އަށް މެމްބަރުންގެތެރެއިން މިފަހަރު އިންތިޚާބުކުރީ ހަތް މެމްބަރުންނެވެ. އާންމު މެމްބަރުންގެ ގޮތުގައި އިންތިޚާބުކުރަންޖެހޭ ހަތް މެންބަރުންގެ ތެރެއިން މިފަހަރު އިންތިޚާބުކުރީ ހަ މެމްބަރުންނެވެ. އެއީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ މިދައުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އަމިއްލަ މީހުންގެ ތެރެއިން ދެ މެންބަރަކު އިންތިޚާބުކޮށްފައިވާތީއެވެ. ފަހުން އިންތިޚާބު ކުރި މެމްބަރުންގެ ދައުރު ހަމަވާނީ އިންތިޚާބު ކުރިތާ ދެ އަހަރު ވުމުންނެވެ.