އިގްތިޞާދީ ގޮތުން ރާއްޖެ "ކަރު ފިތިފައި" އޮއްވައި، ސަރުކާރުން ރައްޔިތުންނަށް ފަސޭހަވާނެހެން ކަންތައްތަކެއް ކޮށްދިނުމުގެ ބަދަލުގައި އަދިވެސް މަސައްކަތް ކުރަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކޮށް، އާންމު ޚިދުމަތްތަކުގެ އަގުތައް ބޮޑުވުމާ ގުޅިގެން ޑރ. ޖަމީލް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފައެވެ.

އެގޮތުން މިއަދު "ސަން"އާ ވާހަކަދައްކަަވަމުން ޑރ. ޖަމީލް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމާއެކު އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެގޮތުން ކުއްލިއަކަށް ޓެކްސް ބޮޑުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

"ހުރިހާ އެންމެން ވެސް މަގުމަތި މިވީ. ޓެކްސް ބޮޑުކުރާ ނަމަ އޭގެން ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ. މިސާލަކަށް ވަކި ކަހަލަ ލުއިތަކެއް ދީ، ވަކި ކްލާސްތަކެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދީ އެ މީހުންނަށް ލުއި ތަކެއް ދީ، ހައުސިންއާއި ކުދި ވިޔަފާރިތަކަށް ލުއިދިނުން ފަދަ އެފަދަ ކޮން ކަމެއްހޭ ކުރީ؟ ނުކުރެއެއް ނޫންތޯ. ނުވިތާކަށް ކުރަނީ ކޮން ކަމެއް. ސިޔާސީ މަގާމު އުފެއްދުން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ޚުދު އެމްޑީޕީއިން ގަބޫލުކުރާ ގުޑް ގަވަނަންސްގެ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ނުކުރުން ހިމެނޭ ކަމަށެވެ.

ނަމަވެސް އެ އުސޫލު އަމިއްލައަށް މުގުރައިލީ އެމްޑީޕީގެ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތް ހިންގަން ބޭނުންވާ ފައިސާ ވެސް ހޯދަނީ ނަގާ ބޮޑެތި ލޯންތަކުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"މުޅި ނިޒާމު ފުނޑާލުމުގެ އަމަލެއް މި އަމަލަކީ. މާނައަކީ ރިކަރެންޓަށް ޚަރަދު ކުރަން ޓެކްސް ނެގުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ލޯނު ނަގައިން. މިސާލަކަށް ގެއެއް ހަދަން ލޯނު ނަގައިން، ދެން އޭގެން އެ ކަން ނުކޮށް އެކި ކަހަލަަ ގޮތްގޮތަށް ޚަރަދުކޮށްލީމާ، މާދަމާ އެ ނެގި ލޯނަށް މޯގޭޖުކުރި އެތި ނޫންތޯ ވިއްކާލާނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެއާއެކު މި ދަނޑިވަޅުގައި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ސަމާލުކަން ނުދީ، ވެރިން ގައުމުން ބޭރަށް ދަތުރުކުރުމާއި އެ ނޫން ކަންކަމުގައި އުޅުމަކީ ރައްޔިތުން ނިކަމެތިކޮށްލުންކަމަށް އޭނާ ވިދާޅުވިއެވެ.