ސިޓީ ކައުންސިލުން 9,600 ރުފިޔާގެ މުސާރައަށް މާލެ އާއި ވިލިމާލެ ކުނިކަހާދޭނެ މަސައްކަތު މީހުން ހޯދަން އިއުލާނުކޮށްފިއެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި ކެހުމުގެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއިންނެވެ.

ނަމަވެސް މާލޭގެ އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 26ވަނަ ދުވަހު ހަމަވުމުން އެ އެއްބަސްވުން އާނުކޮށް، އެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން އެ ކައުންސިލުން ވަނީ ނިންމައިފައެވެ.

ސިޓީ ކައުންސިލުގެ ދަށަށް މާލެއާއި ވިލިމާލެ ކުނި ނެގުމުގެ މަސައްކަތް ބަދަލުކުރާއިރު އެ ކައުންސިލުން ވަނީ ޖުމުލަ 108 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ.

ސިޓީ ކައުންސިލުން މަސައްކަތު މީހުން ހޯދަން އިއުލާނުކޮށްފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.

އެގޮތުން ވިލިމާލެއިން 28 މީހުންނާއި މާލެއިން 80 މީހުން ހޯދަން އެ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. އެ މީހުންގެ އަސާސީ މުސާރައަކީ 3،100 ރުފިޔާއަށް ވާއިރު ސާވިސް އެލަވަންސްއާއެކު އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 7،000 ރުފިޔާއެވެ. އަދި އިތުރު ގަޑީގެ އެލަވެންސްގެ ގޮތުގައި 2،600 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. ސިޓީ ކައުންސިލުން ބުނީ ކޮންމެ މުވައްޒަފަކަށް ވެސް ގެއަށް ގެންދަން މުސާރައިގެ ގޮތުގައި 9،600 ރުފިޔާ ލިބޭނެ ކަމަށެވެ.

މިހާރު ވެމްކޯގެ މުވައްޒަފުންގެ ގޮތުގައި ވިލިމާލެއާއި މާލެ ކުނި ކަހަން ޖުމުލަ 167 މީހުން މަސައްކަތް ކުރާއިރު އެ މީހުންނަށް ލިބެނީ 8،000 ރުފިޔާއެވެ.

ވެމްކޯއަށް ވުރެން މަދު މުވައްޒަފުން ސިޓީ ކައުންސިލުން ހޯދާއިރު އެ ކައުންސިލުން ބުނީ މީހުން ނަގާއިރު އިސްކަން ދޭނީ މިހާރު ވެމްކޯގައި މަގު ކުނިކެހުމަށް އުޅޭ މީހުންނަށް ކަމަށެވެ.

އެ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ 14:00އަށެވެ. އަދި އެ ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވަ އިންޓަވިއޫތައް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހާއި އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ދެމެދުއެވެ.

އެ މަސައްކަތް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުން މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓު ސެކްޝަނުގެ ނަމުގައި ޚާއްސަ ސެކްޝަނެއް އުފައްދަން އެ ކައުންސިލުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކުރިން "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި ނަގާނީ މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން އެކަނި ކަމަށެވެ. އަދި ގޭގެއިން ކުނި ނެގުމުގެ އެއްވެސް ކަމަކަށް ކައުންސިލުން ނުވަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން ނަގާ ކުނި ވެސް ހަވާލުކުރާނީ ވެމްކޯއާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެ ކުނި އުކާލާނީ ވެމްކޯގެ ބާޖުގައި އެ ކުންފުނިން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވެމްކޯއާއެކު މާލޭ ސިޓީކައުންސިލުން ވެފައިވާ އެއްބަސްވުން އާނުކުރާނެކަން ހާމަކުރި ހިސާބުން ވެމްކޯއިން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމީ، ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަނަށް ވުރެ ހެޔޮ އަގެެއްގައި އެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެއެވެ. އެކަމަށް ރައްދުދީ ވެމްކޯއިން މީގެ ކުރިން ބުނެފައި ވަނީ، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ކުރަންޖެހޭ ޚަރަދުތައް ނުހިމަނާ ކަމަށެވެ.

ވެމްކޯގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމާއި، ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގައި ބިދޭސީން ގިނަކަން ފާހަގަކޮށް، ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލުގެ ނިންމުމާއެކު، ވެމްކޯއިން ކުނިކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ވަޒީފާގެ ކުރިމަގާ މެދު ވެސް ސުވާލުއުފެދިފައިވާ ކަމަށެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.