15 Dec 2022, 10:35
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި އައްޑޫސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާނެއެވެ.
އޭގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާ، ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާހު ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަށް ސިޓީއަށް ވަޑައިގެން، އެ ސިޓީގައި ހިންގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ.
އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.