15 Dec 2022, 10:30
މާލޭގެ ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 20:46 ހާއިރުއެވެ.
އެ އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ މީހަކަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައެވެ.
އެ ހާދިސާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިހާރު އޭނާ ވޯޑަށް ބަދަލު ކޮށް، ފަރުވާ ދެމުން އަންނަ ކަމަށް ވެސް އައްފާލް ވިދާޅުވިއެވެ.
"އެ ހާދިސާގައި އަނިޔާވި މީހާ މިހާރު ސްޓޭބަލް. ފަރުވާ ދެމުންދަނީ ވޯޑުގައި. ކޮންމެސް ވަރަކަށް ސެކަންޑް ޑިގްރީ ބާން ހުރި،" އައްފާލް ވިދާޅުވިއެވެ.
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.