ފީފާ ވޯލްޑްކަޕްގައި ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވި ހިސާބަކީ, އާޖެންޓީނާއަށް މުބާރާތްތެރެއަށް ރަނގަޅަށް ވަދެވުނު ހިސާބުކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ވޯލްޑް ކަޕުގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށްކުޅެ 3-0 އިން އާޖެންޓީނާ މޮޅުވެ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ސްކަލޯނީ ބުނީ އާޖެންޓީނާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވުމުން އެ ޓީމަށް، ކުޅުން ރަނގަޅުކޮށް، ހެދުނު ގޯސްތައް ރަނގަޅު ކުރުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ.

އާޖެންޓީނާގެ ރަތްޔިތުންނާއި އެ ޓީމަށް ސަޕޯޓުކުރާ އެންމެހައި ސަޕޯޓަރުންގެ ފަރާތުން އެ މެޗަށްފަހު ލިބުނީ އާދަޔާ ޙިލާފު ހިތްވަރެއްކަމަށް ސްކަލޯނީ ބުންޏެވެ.

އެކަމުގެ ސަބަބުން އާޖެންޓީނާގެ ކުޅުންތެރިންގެ ޖޯޝު ވަރުގަދަވެ ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނުކަން ފާހަގަކޮށް ސްކަލޯނީ ވަނީ ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން އެ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ފެނުނީ އައު ހިތްވަރެއް ކަމަށާއި ހާއްސަކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާދޫ މުބާރާތުން ފެނުމަކީ ވެސް ޓީމަށް ލިބުނު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

ސްކަލޯނީ އިތުރަށް ބުނީ އޭނާ މެސީއާ މެދު ޝައްކު ނުކުރާކަމަށާއި، އޭނާއަކީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ލީޑަރެއްކަމަށެވެ.

"މެސީ ފަރިތަކުރުން ތަކުގައި އަދި ޑްރެސިން ރޫމްގައި ކުޅުންތެރިން ލީޑު ކުރަން އުޅޭތަން ފެނުމުން ވަރަށް އުފާވޭ. ކޮންމެ ފަހަރަކު މެސީ ފެންނައިރު ޓީމުގެ މެދުގައި އައު ޖޯޝެއް އުފައްދާ" ސްކަލޯނީ ބުންޏެވެ.

ގަތަރު ވޯލްޑްކަޕަށް ކުރިމަތިލިއިރު އާޖެންޓީނާއަކީ މުބާރާތުގެ ފޭވަރިޓުންކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އެ ޓީމު މުބާރާތާ ކުރިމަތިލައި ކުޅުނު ފުރަތަމަ މެޗުން ސައުދީ އަތުން ބަލިވުމާއެކު ގިނަ ބަޔަކު އެ ޓީމަށް ފާޑުކިޔެވެ.

އެ ފާޑު ކިޔުންތަކާއެކު މުބާރާތުގައި ދެން ހުރި މެޗުތަކުން ފެނުނީ ތަފާތު އާޖެންޓީނާއެކެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑު އަދި މެކްސިކޯ އަތުން މޮޅުވެ އާޖެންޓީނާ ދެވަނަ ބުރުގައި އޮސްޓްރޭލިއާ ބަލިކުރިއެވެ. އަދި ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް ބަލިކުރުމަށްފަހު ސެމީގައި ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދައި އެ ޓީމު ވަނީ ވޯލްޑްކަޕްގެ ތަށި ހޯދުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ.