މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 20:46 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަލިފާން މިހާރު ނިއްވާލާފައިވާއިރު، މިހާދިސާގައި އަނިޔާވި ދިވެހި ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން"އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވި އުމުރުން 25 އަހަރުގެ މީހަކަށް މިވަގުތު އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

ނަމަވެސް، އޭނާއަށް މިވަގުތު ފަރުވާ ދެމުންދާތީ ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފުލުހުން ބުނީ އެ އަލިފާން ނިވާލާފައިވާ ކަމަށާއި، މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.