14 Dec 2022, 23:21
މިރޭ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ފްރާންސާއި ދެކޮޅަށް ނުކުންނައިރު އެޓީމުގެ ތަރި ކިލިއަން އެމްބާޕޭ ހުއްޓުވަން ހާއްސަ ޕްލޭނެއް ނުގެންގުޅޭނެކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރަގްރަގީ ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްމުން ރަގްރަގީ ބުނީ، ފްރާންސްގައި އެމްބާޕޭ ފަދަ އިންޑިވިޖުއަލް މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިބިކަމަށެވެ. އެހެންކަމުން މޮރޮކޯއިން އެމްބާޕޭ ހުއްްޓުވަން ހާއްސަ ޕްލޭނެއް ނުގެންގުޅޭނެކަމަށް އޭނާ ބުންޏެވެ.
މެޗުގައި ހަމައެކަނި އެމްބާޕޭއަށް ހާއްސަ ސަމާލުކަމެއްދީގެން ކުޅުމަކީ މޮރޮކޯ ޓީމަށް ހެދޭނެ ގޯހެއްކަމަށް ވެސް ރަގްރަގީ ބުންޏެވެ. އޭނާ ބުނީ ފްރާންސަކީ އެންމެފަހުގެ ޗެމްޕިއަން ކަމަށާއި އެ ޓީމުގައި ތިބީ ހުސް ޗެމްޕިއަނުން ކަމަށްވުމުން އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ މޮރޮކޯއަށް ނުރައްކަލެއް ކަމަށެވެ.
އޭނާ ބުނީ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަކީ އެމްބާޕޭއާއެކު ޕީއެސްޖީއަށް ކުޅެމުންއަންނަ ޑިފެންޑަރެއްކަމުން އެމްބާޕޭގެ ބަލި ފަޔަކީ ކޮބައިކަމާއި އޭނާ ހުއްޓުވާނެގޮތް އެނގޭނެ ކަމަށެވެ.
އެމްބާޕޭއަކީ މިއަހަރު ވޯލްޑްކަޕްގެ ޖޮއިންޓު ޓޮޕް ސްކޯރާއެވެ. އޭނާއާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ މި މުބާރާތުގައި ފަސް ގޯލު ޖަހައިފައެވެ.
މޮރޮކޯ އަދި ފްރާންސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.
އެ މެޗުން މޮޅުވާ ޓީމެއް އަންނަ އާދިއްތަ ދުވަހު ވޯލްޑްކަޕްގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާއެވެ. އާޖެންޓީނާ ވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައި ފައިނަލަށް ދަތުރުކޮށްފައެވެ.